ރާއްޖޭގައި އުރަތްޕެއް ހުރި އިދިކޮޅު ފަރާތެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކުން ބުނަނީ ކޯއްޗެއްތޯ ބަލައިގެން ނޫން ކަމަށާއި ރާއްޖޭގައި އިދިކޮޅު ފަރާތްތައް ޒިންމާދާރުވީ ދުވަހަކުން އިދިކޮޅު ފަރާތްތައް ދައްކާ ވާހަކަތައް ވެސް ސީރިއަސްކޮށް ނަގާނެ ކަމަށެވެ.
ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށާއި މިއަދު ތިބީ ހުރިހާ ކަމަކަށް އިދިކޮޅު ހަދާ ފަރާތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެވަރިހަމަ ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް، ހަމަ އިދިކޮޅު ހެދުން މި އޮންނަނީ. އަދި މި ރާއްޖެއަކު ނެތް އުރަތްޕެއް އޮތް އިދިކޮޅު ފަރާތެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަންކަން ކުރުމުގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ނުބައްލަވާ ކަމަށާއި އޭގެ ބަދަލުގައި ބައްލަވަނީ ރައްޔިތުންނަށް އެންމެ ފައިދާވާނީ ކޮން ގޮތެއްތޯ ކަމަށެވެ.
މީގެއިތުރުން އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކޮށް، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުން ކަމަށާއި އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިބި ފަރާތްތަކުންވެސް އިޚްލާސްތެރިވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.