Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރާއި ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރި ހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން އެތަކެއް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެމްޑީޕީއަށް ކަޑައްތުކުރެވުނީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދިރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް އެމްޑީޕީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާނެ މަސައްކަތެއް. އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް، އެދެނީ ކާމިޔާބު މިންވަރު ކުރެއްވުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބު 2008 ގައި ކާމިޔާބުކުރީ އެމްޑީޕީ އިސްކޮށް އުފެއްދި ކޯލިޝަނަކުންނެވެ. އެ ޕާޓީން ދެވަނަ ފަހަރު ވެރިކަމަށް އައީ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.