ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ހިމެނޭ ނެދަލޭންޑްސް އާއި ޖަޕާން އަދި ސްވިޑެން ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ނެދަލޭންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ މިރޭ ޓިއުނީޝިއާ އަތުން 3-1 އިން މޮޅުވެގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޖަޕާން އާއި ސްވިޑެން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގްރޫޕްގެ މެޗުތައް ނިމުނުއިރު، ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން އެއްވަނަ ހޯދީ ނެދަލޭންޑްސް އެވެ. ދެވަނަ ހޯދި ޖަޕާނަށް ފަސް ޕޮއިންޓު ލިބުނުއިރު، ތިންވަނައިގައި ނިންމާލި ސްވިޑެނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސްވިޑެން ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުލަށްދިޔަ ޓިއުނީޝިޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ދެވަނަ ބުރުގައި ނެދަލޭންޑްސް ބައްދަލުކުރާނީ މޮރޮކޯއާ އެވެ. ޖަޕާން ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. ސްވިޑެން ބައްދަލުކުރަން ޖެހޭ ޓީމެއް އިނގޭނީ މިރޭގެ މެޗުތަކަށްފަހު އެވެ.
ނެދަލޭންޑްސް އިން ޓިއުނީޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި ވަނީ ލީޑު ނަގައިފަ އެވެ. މިއީ ޓިއުނީޝިޔާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ ހަތްވަނަ މިނެޓްގައި ބްރަޔަން ބްރޮބީ ވަނީ ނެދަލޭންޑްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޓިއުނީޝިޔާގެ ހާޒިމް މަސްތޫރީ ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ 62 ވަނަ މިނެޓްގައި ނެދަލޭންޑްސްގެ ޑިފެންޑަރު ވެންހެކޭ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީ ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފަ އެވެ.
ޖަޕާން އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ލީޑު ނެގީ ޖަޕާނުންނެވެ. މެޗުގެ 56 ވަނަ މިނެޓްގައި މި ގޯލު ޖަޕާނަށް ކާމިޔާބުކޮށްދިނީ ޑައިޒެން މަޔޭޑާ އެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އެންތޮނީ އެލާންގާ ވަނީ ސްވިޑެން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސްވިޑެންގެ ފޯވާޑް އިސާކް ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާ ދިފާއުކުރީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޖަޕާނުގެ ކީޕަރު ސުޒުކީ އެވެ.