Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ޑްރަގުން ސަލާމަތްވާ މީހުން ބަލައިގަންނަންޖެހޭ: އިހުސާން

ޑްރަގުގެ ވަބާއިން ސަލާމަތްވާ މީހުން މުޖުތަމައު އިން ބަލައިގަންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާ އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

"މިކަންކަމުގެ ސަބަބުން އަނބުރާ މުޖުތަމަޢަށް އަންނަން ކިތަންމެ ބޭނުންވިޔަސް ބައެއް ކަހަލަ އުނދަގޫތަކެއް އެބައުޅޭ. މިއަދު މުޅި މުޖުތަމަޢަށް ދޭނެ ނަސޭހަތަކީ ޝުކުރުވެރިކަމާއެކީ އެ މީހުން ބަލައިގަންނާށޭ. އެފަދަ އުނދަގޫ ދަތި ހާލަތަކުން އަރައިގަތީތީ އަޅުގަނޑުމެންވެސް އަތެއް ދިއްކޮށްލަންވެސް ނުވަތަ ފަރުދީ ގޮތުން ކުރެވޭނީ ކޮންކަމެއްތޯ، ދާއިމީ ގޮތެއްގައި އެ ވަބާގައި ނުޖެހި މުޖުތަމަޢުގައި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހޯދައިދެވޭނީ ކޮން ގޮތެއްތޯ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ވަކިން ޚާއްސަކޮށް ޑްރަގްގެ ސިޔާސަތުގެ ތެރޭގައި ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމަށް ޕްރޮގްރާމެއް ޚާއްސަ އެބަކުރަން. މިއިން އެއްވެސް ބޭފުޅެއްގެ އަތުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް. މުޖުތަމަޢުގައި ކާމިޔާބުކަމާއެކީ ފައިތިލަ ސާބިތު ވެއްޖެ ކަމާ އަދި އަބުރުވެރި ދިރިއުޅުމެއް ފެއްޓިޖެކަމުގެ ޔަގީންކަން ލިބެންދެން މަސައްކަތް ކުރާނަން. އެފަދަ ނިޒާމެއް ފަރުމާ ކުރެވިގެން އިމްޕްލިމެންޓް ވެގެންދާނެ ދުވަހަކީ ރީއިންޓަރގްރޭޓް ވާނެ ދުވަސް،" އިހުސާން ވިދާޅުވި އެވެ.

ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނ. ވެލިދޫގައި ޤާއިމްކުރާ ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭ ވަރުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އަދި ލ. ގަމުގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.