ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިގެން ފާސްކުރީ އިރާންގެ މަސްބޯޓްތަކެއް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިއްޔެ ދެ އުޅަނދު ބަލާފާސްކޮށްފައި ވަނީ، ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިންނެވެ. އެގޮތުން ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ބޯޓުތައް ދަތުރުކުރަމުން ދަނިކޮށް ސިފައިންނަށް ރިޕޯޓްކުރީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން ރާއްޖޭގެ މަސް ދޯންޏަކުންނެވެ.
އިއްޔެ ހެނދުނު އެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެންއުޅަނދުތައް ބަލައި ފާސްކޮށްފައިވެ އެވެ. އެކަމަކު އުޅަނދުތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޭރުގެ ބޯޓްތަކެއް ފެނުނު ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަޙައްދު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދެކެވެ.