ށ. ފުނަދޫ "އިސްރަށްވެހިންގެ ހިޔާވަހި" ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ފުނަދޫގައި ހަދާ އިމާރާތަކީ 40 މީހުންގެ ޖާގައިގެ ދެ ބުރީގެ ތަނެއް ކަމަށެވެ. އެތަނުގައި ސިއްހީ ހިދުމަތްދޭނެ ބަޔަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ އެކި ބޭނުންތަކަށް ހާއްސަ ސަރަހައްދުތައް ވެސް ހިމެނޭނެ އެވެ. މީގެ އިތުރުން، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ރެކްރިއޭޝަން ސަރަހައްދެއް ވެސް އިމާރާތުގައި ހުންނާނެ އެވެ.
އެމްޓީސީސީއާ މަޝްރޫއު ހަވާލުުކުރީ މަސައްކަތް ފަށާތާ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 37.46 މިލިއަން ރުފިޔާއަށެވެ.