އެމްޑީޕީ އަބަދު ވެސް އޮންނާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއެއްގެ އަޒުމުގައި ކަމަށް އެ ޕާޓީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި މި ޕާޓީ ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރުމުގައި ދެމިތިބުން." އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ އެމްޑީޕީ އަށް ވެރިކަން ލިބުނު ދެވަނަ ފަހަރުގައި ރައީސްކަން ކުރެއްވި ލީޑަރެވެ. އެއީ 2018-2023 އަށް އެވެ. އަދި އެ މަނިކުފާނު 2023 ގައި ދެވަނަ ދައުރަކަށް ވެސް ވާދަކުރެއްވި އެވެ.
އެމްޑީޕީ އަށް މިއަދު 21 އަހަރު ފުރުނު އިރު، އެ ޕާޓީ ވުޖޫދަށް އައީ 2005 ގަ އެވެ. އެ ޕާޓީ އަކީ މިހާރު ރާއްޖޭގައި ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. އަދި އެމްޑީޕީ އަކީ 2005 ގައި ސިޔާސީ ޕާޓީތަކަށް ހުއްދަ ދިން ފަހުން މިހާތަނަށް އުފެދުނު ޕާޓީތަކުގެ ތެރެއިން އުވިނުގޮސް އެއް ގޮތެއްގައި ދެމިއޮތް ހަމައެކަނި ޕާޓީ އެވެ.