Last Updated: June 26, 20:28
Friday, June 26, 2026
ކޮލަމް

މިހާރުގެ މަޖިލިސް ރައީސްގެ ޚިދުމަތުގައި؟

ކޮންމެ ޤައުމެއްގެ ވެސް ދިމިޤްރާޠީ ނިޒާމުގެ އެންމެ ވަރުގަދަ އެއް ތަނބަކީ އެ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ބާރުތަކުގެ ހަމަހިފެހެއްޓުމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ އެންމެ މުހިންމު މުއައްސަސާއެވެ. ނަމަވެސް، ރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަންޒަރު ފެންނަނީ މިއާ މުޅިން ޚިލާފަށެވެ.

މިހާރުގެ މަޖިލިސް ފެންނަނީ ރައްޔިތުންގެ ބާރުވެރިކަން ދައްކައިދޭ ތަނެއްގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާގެ ފައިދަށަށް ވެއްޓިފައިވާ ތަނެއްގެ ގޮތުގައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މިސާލެއް ފެންނާނީ ވަރަށް މަދުންނެވެ. ރައްޔިތުން އިންތިޚާބު ކުރި މެންބަރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވި ކޮންމެ ކަމެއް، އެއްވެސް ސުވާލެއް ކުރުމެއް ނެތި ކޮށްދެމުންދާ މަންޒަރަކީ ހިތާމަހުރި ކަމެކެވެ. ޤައުމުގެ އެންމެ މަތީ ޤާނޫނު ކަމުގައިވާ ޤާނޫނުއަސާސީއަށް ބޭނުންވި އިޞްލާޙުތައް ވެސް ގެނެސްދިނީ އެއްވެސް ބަހުސަކާ ނުލައި، ރައީސްގެ އަމުރަށެވެ. މީގެ އިތުރުން، ދައުލަތުގެ މުޅި ބަޖެޓު ރައީސާ ޙަވާލުކޮށްލީ، އެއާމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތިއެވެ.

މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް ހުރިގޮތުން ހީވަނީ، އެބޭފުޅުން މަޖިލީހަށް ވަދެ ކުރެއްވި ހުވާގައި އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި، ރައީސަށް ޚިދުމަތް ކުރުން ކަމަށެވެ. މިހާރުގެ މަޖިލިސް މެންބަރުންނަކީ އަމިއްލަ ބުއްދިއެއް ނެތް، "އެޅިހާ ބަތަކަށް ރިހަ" އަޅައިގެން ތިބި ބައެއް ފަދައެވެ. ރައްޔިތުންގެ އިޙްސާސްތަކަށްވުރެ އެބޭފުޅުންނަށް މުހިންމީ ރައީސްގެ ރުހުން ހޯދުމެވެ. އެހެންކަމުން، މި މެންބަރުން ދެން ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާނެ ކަމެއް ނެތެވެ. އެބޭފުޅުން ދާން އެންމެ ރަނގަޅު ތަނަކީ އެބޭފުޅުންގެ ސިޔާސީ ހާލި ކަމުގައިވާ 'ދިމްޔާތު' އަށެވެ.

ނަމަވެސް، މި ފެންނަ ބޭރުފުށުގެ އެއްބައިވަންތަކަމުގެ ފަހަތުގައި އޮތީ ބޮޑު ނުތަނަވަސްކަމެކެވެ. ރައީސްގެ ރުހުން ހޯދުމަށް ކުރާ މަސައްކަތުގައި، މިއަދު މަޖިލިސް މެންބަރުން އެކަކު އަނެކަކަށް އެތިބީ ހިފައިގަންނަން ތައްޔާރުވެފައެވެ. މަޖިލީހުގެ އެތެރޭގައި މިހާރު ވަނީ ރެނދުލާފައެވެ. ތާރީޚު ހެކިދޭ ގޮތުގައި، އިމާރާތެއްގެ އެތެރެއިން ރެނދުލާން ފެށުމުން އެ އިމާރާތެއް ވެއްޓޭލެއް މާ އަވަސްވާނެއެވެ.
ޚު
ލާޞާކޮށް ދަންނަވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުންނެވެ. ނަމަވެސް މިއަދު އެ ވަކީލުން ވަނީ ރައީސްގެ "ޚާދިމުންނަށް" ވެފައެވެ. މިފަދަ ގޮތަކަށް ކަންކަން ކުރިއަށްދާނަމަ، ރައްޔިތުންގެ އިތުބާރު ގެއްލި، މި ނިޒާމު ބިންދައިގެންދާނެ ދުވަސް މާލަހެއް ނުވާނެއެވެ.