ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު/މޭކަޕް އާޓިސްޓް ޙުސައިން ހާޒިމް (ސޭންޑީ) ފިލްމު ޑައިރެކްޝަނަށް ނުކުމެ ބެލުންތެރިންނަށް އޭނަގެ ފުރަތަމަ ފިލްމު ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މިއަދު ރަސްމީކޮށް އިއުލާންކުރި މި ފިލްމުގެ ނަމަކީ 'ދެވި' އެވެ. މީގެ ސްލްރީންޕްލޭގައި ވެސް ސޭންޑީ ހިއްސާވާ އިރު، ކޯ-ސްކްރީން ރައިޓަކީ ފިލްމުގެ ކާސްޓްގައި ހިމެނޭ ޝަރަފު އަބްދުﷲ ގެ އަންހެނުން ޝަހުދާ މަހުމޫދެވެ.
މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ޔާރާ ޕްރޮޑަކްޝަނާއި ޢަބްދުﷲ މުއާޒް (މުއާ) ޕްރޮޑަކްޝަންނާއި ވިޝާލް ޒަކީއާ ވެސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
'ދެވި' ގެ ޕްރޮޑިއުސަރަކީ މަޝްހޫރު ބަތަލާ އަދި މި ފިލްމުގެ ވެސް ލީޑް ބަތަލާ މަރިޔަމް އައްޒަ އެވެ. އޭނަ އަކީ މުއާގެ އަންހެނުންނެވެ.
ފިލްމުގެ އިތުރު ކާސްޓުންނަކީމުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާއީލް، އައިމިނަތު ރަޝީދާ (އައިންތު)، އަހުމަދު ރިޝްވާން، އަހުމަދު އީސަ (އާނަންދު)، އައިޝަތު ރާއިޝާ، މަލީހާ ވަލީދް (މަލް) ގެ އިތުރުން މަރުވެފައިވާ އެކްޓަރު އަހުމަދު ނިމާލެވެ.
'ދެވި' އޮލިމްޕަހަށް ގެންނަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 26 ގަ އެވެ.
މި ފިލްމުން ސޭންޑީ ފިލްމު ޑައިރެކްޝަނަށް ނުކުތް އިރު، އޭނަގެ މީގެ ކުރިން ވީޑިއޯ ލަވަތަކެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.