Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޑެމްބެލޭގެ ހެޓްރިކާ އެކު ފްރާންސަށް އެއްވަނަ

އޮސްމާން ޑެމްބެލޭގެ ހެޓްރިކާ އެކު 4-1 އިން ނޯވޭ ބަލިކޮށް ފްރާންސުން ގްރޫޕް އައިގެ އެއްވަނަ ހޯދައިފި އެވެ.

ގްރޫޕްގެ މެޗުތައް ނިމުނުއިރު، ފްރާންސުން އެއްވަނަ ހޯދީ ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެވަނައާއެކު އަނެއް ބުރުން ޖާގަ ހޯދި ނޯވޭއަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި ނިންމި ސެނެގާލަށް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސެނެގާލަށް ވެސް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދިޔުމުގެ ފުރުސަތު އަދި އެބައޮތެވެ. ގްރޫޕްގެ ފުލަށްދިޔަ އިރާގަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނޯވޭއިން ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން އާންމުކޮށް ނޯވޭގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާ 10 ކުޅުންތެރިއަކު ވަނީ ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި އާލިން ހާލަންޑް އާއި މާޓިން އޮޑެގާޑް ހިމެނެ އެވެ.

މި މެޗުގެ ހަތްވަނަ މިނެޓްގައި ޑެމްބެލޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 20 ވަނަ މިނެޓްގައި ފްރާންސުގެ ދެވަނަ ގޯލުވެސް ޑެމްބެލޭ ކާމިޔާބުކޮށްދިން އިރު، އޭގެ މިނެޓެއް ފަހުން ތެލޯ އާސްގާޑް ވަނީ ނޯވޭއަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ޑެމްބެލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ދެވަނަ ހާފުގައި ނޯވޭއިން ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، ހާފްގެ ކުރީކޮޅު އެޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ސްޓޭރެންޑް ލާސަން ފޮނުވާލި ޕެނަލްޓީ މަތަކުރީ ފްރާންސްގެ ކީޕަރު މައިކް މެއިންޔޯން އެވެ. މި މެޗުގައި ފްރާންސްގެ ހަތަރުވަނަ ގޯލު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑެސައީ ޑުއޭ އެވެ.

މި ގްރޫޕްގައި ހިމެނޭ ސެނެގާލް އިން މިރޭ ވަނީ 5-0 ގެ ނަތީޖާއަކުން އިރާގުގެ މައްޗަށް ކުރި ހޯދައިފި އެވެ.