އެމްޑީޕީގެ ޕްރޮޖެކްޓުތައް މި ސަރުކާރުން ހުއްޓާލީ ފޮނި ބޮޑުކަމުން ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް 21 އަހަރު ފުރުމާއި ދިމާކޮށް "ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އިގްތިސާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި ޑޮލަރުގެ ރޭޓު 16 ރުފިޔާ ހިސާބުގައި ހިފެހެއްޓިފައި ކަމަށެވެ. ނަމަވެސް މިހާރު އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށާއި އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އިގްތިސާދު ހަލާކުވެގެން އުޅެނީ ސަރުކާރުގައި އިގްތިސާދީ ސިޔާސަތެއް ނެތުމުން ކަމަށާއި އިގްތިސާދީ އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތަކާއި ހެދި މި ސަރުކާރަށް ގައުމު ކުރި ނޭރުވޭނަމަ އަވަހަށް އިސްތިއުފާ ދެއްވުމަށް ވެސް ފައްޔާޒު ގޮވާލެއްވި އެވެ.
"މިސާލަކަށް އިގްތިސާދީ ހުރިހާ ކަމެއް މިކުރަނީ ދަރަނި ނަގައިގެން، އަމިއްލަ ވިޔަފާރިތައް ވެސް. ދަރަނި އަނބުރާ ދެއްކޭނެ ޕްލޭންތަކާ އެއްޗެހި ހުރެގެން އޭގެން އިގްތިސާދީ ނަފާތަކެއް ހޯދާނެ ގޮތެއް ހޯދައިގެން އެކަން ކުރަނީ. އަޅުގަނޑުމެން ފަށާފަ ހުރި ޕްރޮޖެކްޓްތައް ހުއްޓާލީ ފޮނި ބޮޑުވެގެން. އަޅުގަނޑުމެން ކޮށްފަހުރި ކަމެއް ވީމަ ނުކުރާންވެގެން. މިސާލަކަށް، ފެލިވަރުގަ ކޭނިން ފެކްޓްރީ، ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް. އެ ހުރިހާ ކަމެއް ހުއްޓާލީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ އެކަންކަން ކުރިއަށްގެންދިޔަ ނަމަ ބާޒާރުގައި މިއަދު މަހުގެ އަގު ބޮޑުވާނެ ކަމަށާއި މި ހުރިހާ ކަމެއް ވެސް ކުރިއަށް ނުގެންގޮސް ހުއްޓިފައިވަނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވެފަ އެވެ.