ފީފާ ވޯލްޑް ކަޕްގައި މާދަމާ ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ އެގާރައިން ނުފެންނާނެ ކަމަށް އެޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
އާޖެންޓީނާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެ ދެ މެޗުގައި އާޖެންޓީނާ އިން ފަސް ގޯލު ކާމިޔާބުކޮށްފައިވާއިރު، އެ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ. އެއާއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް މިހާރު އޮތީ މެސީގެ އަތުގަ އެވެ. އެއީ 18 ގޯލެވެ.
އާޖެންޓީނާއާ ދެކޮޅަށް ނިކުންނަ ޖޯޑަން ވަނީ މުބާރާތުން ކަޓައިފަ އެވެ. ޖޯޑަން ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ.
މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްކަލޯނީ ބުނީ މެސީ މެޗު ފަށާނީ ބެންޗުން ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި އޭނާ ކުޅެން އަރާނެ ކަމަށެވެ. އަދި މި މެޗުން ފުރުސަތު ދޭ ކުޅުންތެރިންނަކީ ކޮންމެހެން މުބާރާތުގައި ނުކުޅޭތީ ފުރުސަތު ދޭ ކުޅުންތެރިން ނޫން ކަމަށާއި އެއީ ފަރިތަކުރުންތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާތީ މިފަދަ ފުރުސަތެއް ލިބުން ހައްގު ކުޅުންތެރިން ކަމަށް ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ވަނީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައި ނަމަވެސް އާޖެންޓީނާއިން ކުޅޭ ގޮތަށް ބަދަލު ނުގެންނާނެ ކަމަށްވެސް ބުނެފަ އެވެ.
އާޖެންޓީނާ އާއި ޖޯޑަން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހެނދުނު ރާއްޖެގަޑިން 7 ޖަހާއިރު އެވެ.