Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ސްޕެއިނަށް އެއްވަނަ، ކޭޕް ވާޑޭ ވެސް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި ސްޕެއިނުން 1-0 އިން އުރުގުއޭ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުކޮށް، މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑޭ އިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ އެޗްގެ މެޗުތައް ނިމުނުއިރު، ސްޕެއިނުން ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދި ކޭޕް ވާޑޭއަށް ތިން ޕޮއިންޓު ލިބުނުއިރު، މި ގްރޫޕުން ކެޓި ދެ ޓީމު ކަމަށްވާ އުރުގުއޭ އާއި ސައުދީ އަރަބިއްޔާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ދެވަނަ ބުރުގައި ކޭޕް ވާޑޭއިން ބައްދަލުކުރާނީ އާޖެންޓީނާއާ އެވެ. ސްޕެއިން ނިކުންނާނީ އޮސްޓްރިއާ ނުވަތަ އަލްޖީރިޔާއާ ދެކޮޅަށެވެ.

މެކްސިކޯގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕެއިނަށް މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލެކްސް ބައޭނާ އެވެ. މިއީ، އޭރިއާތެރެއަށް މާކޯސް ލޮރެންޓޭ ނެގި ހުރަހަކުން ބައޭނާ ޖެހި ގޯލެކެވެ. ބައޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ އަތުގައި ޖެހިފަ އެވެ. އުރުގުއޭ އިން ދެ ވަނަ ހާފަށް ކުޅެން އެރީ މުސްލޭރާގެ ބަދަލުގައި، އުމުރުން 40 އަހަރުގެ ސާޖިއޯ ރޮޗޭ ކުޅެން އަރުވައިގެންނެވެ.

ދެވަނަ ހާފުގައި ސްޕެއިނަށް ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަދި މި ހާފުގައި އުރުގުއޭ އިން ނަތީޖާ އެއްވަރުކުރަން މަސައްކަތްކޮށް، ސްޕެއިންގެ ގޯލަށް ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެ ހަމަލާތައް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ދިޔައީ ހުއްޓުވަމުންނެވެ.

އުރުގުއޭ އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުރުގުއޭގެ އޮގަސްޓިން ކަނޯބިއޯ ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑާ އެކު އެވެ.

ކޭޕް ވާޑޭ އާއި ސައުދީ ބައްދަލުކުރި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި މެޗުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކޭޕް ވާޑޭން ވަނީ ތަނަވަސްކޮށްފަ އެވެ. ކޭޕް ވާޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.