Last Updated: June 27, 20:02
Saturday, June 27, 2026
މުނިފޫހިފިލުވުން

ސައިފަށް ފަރުހާން ޕްރޮޑިއުސްކުރާ ފިލްމެއް

ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމަކަށް ސައިފް އަލީ ޚާން ސޮއިކޮޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ އާންމު މުޖުތަމައުގެ ތެރޭގައި ތަފާތު އެކި ކަހަލަ މައްސަލަތަކަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ތުރިލާއެއް ކަމަށެވެެ. ފިލްމު އަދި ސްކްރިޕްޓިން މަރުހަލާގައި އޮތް އިރު، މި ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.

ވެރައިޓީ އިންޑިއާ އިން ބުނި ގޮތުގައި ސައިފާ އެކު ފިލްމުން މަޝްހޫރު ބަތަލާއަކު ފެންނާނެ އެވެ.

ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީގާ ސައިފް އެންމެ ފަހުން އެކްސެލްގެ ފިލްމެއް ކުޅުނީ މީގެ 25 އަހަރު ކުރިންނެވެ. އެއީ ފަރުހާން ޑައިރެކްޝަނަށް ނުކުތް 2001 ގެ 'ދިލް ޗާތާ ހޭ' އެވެ. އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމަކީ ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދިން ރޯޑް-ޓްރިޕް ފިލްމެކެވެ.

'ދިލް ޗާތާ ހޭ' ގެ އެކްޓަރުންނަކީ ސައިފާއި އާމިރު ޚާންގެ އިތުރުން އަކްޝޭ ކަންނާ އެވެ.

ސައިފްގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓުން މިދިޔަ މަހުގެ ތެރޭގައި ނެޓްފްލިކްސް އަށް ގެނެސްދިން ކްރައިމް ޑްރާމާ 'ކަރްތާވިއާ' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ތުރިލާ 'ހައިވާން އާއި ނެޓްފްލިކްސް އަށް ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ރާހުލް ދޮލާކިއާގެ ޕޮލިޓިކަލް ތުރުލާ 'ހަމް ހިންދުސްތާނީ' ހިމެނެ އެވެ.