Last Updated: June 27, 20:02
Saturday, June 27, 2026
މުނިފޫހިފިލުވުން

'ހައިވާން' ސެޕްޓެމްބަރުގައި

ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރު ވަރަށް ދުވަސް ފަހުން އެކީގައި ކުޅުނު ފިލްމު 'ހައިވާން' ރިލީޒްކުރާ ތާރިހު މިއަދު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް މި ތުރިލާ ސިނަމާތަކަށް ދޫކޮށްލަން ތާވަލުކުރީ ސެޕްޓެމްބަރު 11 ގަ އެވެ. 'ހައިވާން' އަކީ މި އަހަރު ރިލީޒްކުރި އަކްޝޭގެ ފުރަތަމަ ފިލްމު 'ބޫތު ބަނގުލާ' ވެސް ގެނެސްދިން ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ފިލްމެކެވެ. އަދި މިއީ އޭނައާ އެކު ސައިފް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ސައިފް ލޯފަން މީހެއްގެ ރޯލު ކުޅެފައިވާ ފިލްމުގައި އަކްޝޭ ފެންނާނީ ނެގަޓިވް ރޯލަކުންނެވެ.

'ހައިވާން' އަކީ ޕްރިޔަދަރުޝަން، މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާ އެކު 2016 ގައި ގެނެސްދިން "އޮއްޕަމް" ގެ ރިމޭކެކެވެ. އޭނަގެ ހާއްސަ ފެނިލުމެއް ވެސް އާ ފިލްމުގައި ހިމެނެ އެވެ.

'ހައިވާން' ގެ ކާސްޓުންގެ ތެރޭގައި ސައްޔާމީ ކޭރާއި ޝްރިޔާ ޕިލްގާއޯންކަރް ވެސް ހިމެނެ އެވެ.

ސައިފްގެ މި ފިލްމު ސެޕްޓެމްބަރުގައި ގެނެސްދޭން ނިންމި އިރު، އޭނަގެ އަންހެނުން ކަރީނާ ކަޕޫރްގެ އާ ފިލްމު 'ދާއިރާ' އެ މަހުގެ 18 ގައި ރިލީޒް ކުރަން އޮތީ ނިންމައިފަ އެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އެ ކްރައިމް ޑްރާމާގެ ބަތަލަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ.