(ޖޫން 24 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ނޫޙުގެފާނުގެ ގައުމުގެ ޞާލިޙު ބޭކަލުންނާ މެދު ހައްދުފަހަނަޅައި ދިއުން
ނޫޙުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވުނު އަސްލު ސަބަބަކީ އެ ގައުމުގެ މީހުން ޞާލިޙު އަޅުވެރި ބޭކަލުންނާއި މެދު ހައްދުފަހަނަޅައިދިއުމުގެ ސަބަބުންނެވެ. މިގޮތުން، އެބައިމީހުން ﷲ މެނުވީ އެހެން ފަރާތްތަކަށް އަޅުކަންކޮށް، ކާފަރުވުމުގެ އަސްލު ސަބަބަކަށްވީ މި ދެންނެވި ;ޣުލުއްވު; ނުވަތަ ހައްދުފަހަނަޅައިދިއުމެވެ. ނޫޙުގެފާނު ރިސާލަތާއިގެން ވަޑައިގަތުމުގެ ކުރިން، އެ ގައުމުގެ މީހުން އެބައިމީހުންގެ ތެރޭގައި އުޅުނު ޞާލިޙު ބޭކަލުންދެކެވާ ލޯބީގައި ހައްދުފަހަނަޅައިގޮސް، އެކަން ބޮޑުވެގެން ގޮސް ﷲ ފިޔަވައި އެބައިމީހުންނަށް އަޅުކަން ކުރަން ފެށިއެވެ. އޭގެފަހުން އެބައިމީހުން އެ ޞާލިޙު ބޭކަލުންގެ ސޫރަ ސިފަވާނޭހެން ބުދުތަކެއް ހަދައި، އެއީ އަޅުކަންކުރުމުގެ ރަމްޒުތަކެއް ކަމުގައި ހެދިއެވެ. މި ބިދުޢަވެރި އަމަލުތައް ފެތުރެމުން ގޮސް، ރަސޫލާ ﷺ ވަޑައިގަތުމުގެ ކުރިން އަރަބިންގެ ޖާހިލިއްޔަ ޒަމާނާ ހަމައަށް ފޯރިއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ:
{وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا} (نوح: 23)
މާނައީ: ;އަދި އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުންގެ ކަލާނގެތައް ތިޔަބައިމީހުން ދޫކޮށްނުލާށެވެ! އަދި ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި، މި ތަކެތި ދޫކޮށްނުލާށެވެ!;
އިމާމް ބުޚާރީ އެކަލޭގެފާނުގެ ސަނަދުން އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވާ ގޮތުގައި، މި އާޔަތުގައި ބަޔާންވެގެންވާ ބުދުތަކަކީ ނޫޙުގެފާނުގެ ގައުމުގެ ޞާލިޙު ބޭކަލުންގެ ނަންތަކެވެ.
އެބައިމީހުން މަރުވުމުން، ޝައިޠާނާ އެ ގައުމުގެ މީހުންނަށް ވަސްވާސްދިނީ އެބައިމީހުން އިށީނދެ އުޅުނު މަޖިލިސްތަކުގައި ހަނދާނީ ބިނާތަކެއް ބެހެއްޓުމަށެވެ. އަދި އެ ތަކެއްޗަށް އެބައިމީހުންގެ ނަންތަކުން ނަންދިނުމަށެވެ. އެބައިމީހުން އެކަން ކުރިއެވެ. ނަމަވެސް އެ ޖީލުގެ މީހުން ތިބިހާ ހިނދަކު އެ ތަކެއްޗަށް އަޅުކަމެއް ނުކުރެއެވެ. އެބައިމީހުން މަރުވެ، އިލްމު ފިލައިދިއުމުން، ފަހުން އައި މީހުން އެ ތަކެއްޗަށް އަޅުކަން ކުރަން ފެށީއެވެ. މިއީ ހަގީގަތުގައި އިންސާނުންނާއި މެދު ހައްދުފަހަނަޅައިދިއުމުގެ ސާފު ހެކިތަކެކެވެ.
ޔޫނާނީންގެ (ގްރީކް މީހުންގެ) ތެރޭގައި އޮތް ހައްދުފަހަނަޅައިދިއުމާއި ހަރުކަށިކަން އިހުޒަމާނުގެ ހަރުކަށިކަމާއި ހައްދުފަހަނަޅައި ދިއުމުގެ ތާރީޚުގައި ޔޫނާނީންގެ ބުދުދީނަށް ޚާއްޞަ ސަމާލުކަމެއް ދެވެނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ސޫރަތުއް ތައުބާގެ 30 ވަނަ އާޔަތުން ސާފުވެ އެވެ:
{وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ذَلِكَ قَوْلُهُمْ بِأَفْوَاهِهِمْ يُضَاهِئُونَ قَوْلَ الَّذِينَ
كَفَرُوا مِنْ قَبْلُ…}
މާނައީ: ;އަދި ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ ﷲ ގެ ދަރިކަލެކެވެ. އަދި ނަޞާރާއިން ބުންޏެވެ. އަލްމަސީޙު (ޢީސާގެފާނަކީ) ﷲ ގެ ދަރިކަލެކެވެ. އެއީ އެބައިމީހުންގެ ދޫތަކުން ބުނާ ބަސްތަކެކެވެ. އެބައިމީހުން އެ އުޅެނީ އެބައިމީހުންގެ ކުރިން ކާފަރުވި މީހުންގެ ބަސްތަކާއި އެއްގޮތްވާށެވެ.;
މި އާޔަތުގައި މާތް ﷲ ބަޔާންކުރައްވަނީ ޔަހޫދީންނާއި ނަޞާރާއިން ﷲ އަށް ދަރިކަލަކު ނިސްބަތްކުރި ކުރުމަކީ، އެބައިމީހުންގެ ކުރިން އުޅުނު ކާފަރުންގެ ބާތިލު އަގީދާތަކާ އެއްގޮތްވުމަށް ކުރި ކަމެއް ކަމުގައެވެ. އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވަނީ ;يُضَاهِئُونَ; ގެ މާނައަކީ ކުރީގެ އުންމަތްތަކުގެ މީހުން މަގުފުރެދުނު ފަދައިން، މިބައިމީހުން ވެސް އެމީހުންނާ އެއްގޮތްވުމެވެ. އިބްނުލް ޖައުޒީ ;ޒާދުލް މަސީރު; ގައި ބަޔާންކުރައްވާ ގޮތުގައި، ;ކުރިން ކާފަރުވި މީހުންނަކީ; ބުދު ދީނުގެ އަހުލުވެރިންނެވެ. އެބައިމީހުން މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ބުނަމުންދިޔައެވެ.
ކަލާނގެތަކަށް ދަރިން ލިބިގެންވާކަމަށް ބުނާ ބާތިލު އަގީދާއަކީ ކުރީގެ ޔޫނާނީންގެ ތެރޭގައި ވަރަށް ސާފުކޮށް އޮތް ބުދުދީނުގެ އަގީދާއެކެވެ. އެހެންކަމުން، މި އާޔަތުގެ މާނައިގެ ތެރެއަށް ޔޫނާނީން ވަދެގެންދެއެވެ. މިއީ ދީނީ ގޮތުން ހައްދުފަހަނަޅައިދިއުމާއި، ހަރުކަށިކަމުގެ ބޮޑު ނިޝާނެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެބައިމީހުންގެ ބުދުދީނާއި އެއްބަސްނުވާ މީހުންނާ މެދު އަނިޔާވެރިކަމާއި ކާފަރުކުރުމާއި، ބިރުވެރިކަން (ޓެރަރިޒަމް) އުފެއްދި އެވެ.
ޔޫނާނީންގެ މިބުދުދީނުގެ އަސަރު އެބައިމީހުންގެ ފަހުން އައި ޔަހޫދީންނާއި ނަޞާރާއިންގެ އިތުރުން އިސްލާމީ އުންމަތުގެ ތެރޭގައި އުފެދުނު ބައެއް މަގުފުރެދިފައިވާ ފިރުގާތަކަށް ވެސް ކުރިއެވެ. އަދި މަޖޫސީންނާއި، ހިންދޫންނާއި، ރޫމީން ފަދަ މުޝްރިކު އުންމަތްތަކަށް ވެސް މީގެ ނުފޫޒު ފޯރިއެވެ. ވުމާއެކު، ޔޫނާނީ އަގީދާގައި ހުރި ކަންކަން ހާމަކުރުމަކީ ކުރީގެ ކާފަރުންގެ ޖާހިލުކަމާއި، ﷲ އާ މެދު އެބައިމީހުންގެ ހުރި ބޮޑު ނޭނގުންތެރިކަން ހާމަވެގެންދާ ކަމެކެވެ. ދުނިޔަވީ ގޮތުން އެބައިމީހުން ކިތަންމެ ކުރިއަރާފައިވީ ނަމަވެސް، ދީނީ ގޮތުން ތިބީ ބޮޑުވެގެންވާ ޖާހިލުކަމެއްގެ ތެރޭގަ އެވެ.
އަހުލުކިތާބީންގެ ތެރޭގައި އޮތް ހައްދުފަހަނަޅައި ދިއުމާއި ހަރުކަށިކަން
އަހުލުކިތާބީންގެ ތެރޭގައި ހިމެނޭ ޔަހޫދީންނާއި ނަޞާރާއިންގެ ތެރޭގައި ވެސް ހައްދުފަހަނަޅައި ދިއުން އުފެދުނެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ:
{يَاأَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ} (النساء: 171)
މާނައީ: ;އޭ އަހުލުކިތާބީންނޭވެ! ތިޔަބައިމީހުންގެ ދީނުގައި ހައްދުފަހަނަޅައިނުދާށެވެ!;
މިބައިމީހުންގެ ތެރޭގައި އެކަކު އަނެކަކު ކާފަރުކުރުން ހައްދުފަހަނަޅައިދިޔައެވެ. ޔަހޫދީން ބުނީ ނަޞާރާއިން ތިބީ އެއްވެސް ހައްގު ގޮތެއްގެ މަތީގައި ނޫން ކަމަށެވެ. އަދި ނަޞާރާއިން ވެސް ޔަހޫދީންނާ މެދު ބުނީ ހަމަ އެފަދައިންނެވެ. މީގެ ނަތީޖާއެއްގެ
ގޮތުން އެއްބަޔަކު އަނެއްބަޔަކު ގަތުލުކޮށް، އަނެކާގެ އަބުރާއި މުދާ ހަލާލުކުރިއެވެ.
ޔަހޫދީންގެ ތެރޭގައި ހައްދުފަހަނަޅައިދިއުމާއި ކިބުރުވެރިކަން ފާޅުވެފައިވާ ބައެއް ގޮތްތަކަކީ:
* އެބައިމީހުންނަކީ ﷲ ގެ ދަރިންނާއި އެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުން ކަމަށް ބުނުން.
* އެބައިމީހުންނަކީ ﷲ އިޚްތިޔާރުކުރެއްވި ބައެއްކަމަށާއި، އެބައިމީހުން ނޫން އެހެން މީހުންނަށް އަނިޔާކުރުމަކީ ފާފައެއް ނޫން ކަމަށް ދެކުން.
ޔަހޫދީންގެ ހަރުކަށިކަމާއި ހައްދުފަހަނަޅައި ދިއުމުގެ އެންމެ ބޮޑު ހެއްކަކީ، މާތް ﷲ ގެ މަތިވެރި ޒާތުފުޅަށް އުނިކަން އަންނަ ފަދަ ބަސްތައް ބުނުމެވެ.
އެކަންކަން ގުރުއާނުގައި ފަޟީހަތްކުރައްވާފައިވެއެވެ:
1. ﷲ އީ ފަގީރުކަލަކު ކަމަށް ބުނުން: އާލްޢިމްރާން ސޫރަތުގެ 181 ވަނަ އާޔަތުގައިވާ ފަދައިން، އެބައިމީހުން ބުނީ ;ﷲ އީ ފަގީރުކަލެކެވެ. އަދި ތިމަންމެންނީ މުއްސަނދިންނެވެ.; އެބައިމީހުންގެ މި ބަސްތަކާއި، ހައްގަކާ ނުލައި ނަބީބޭކަލުން ގަތުލުކުރި ކުރުން ލިޔުއްވާނޭ ކަމަށާއި، އޭގެ އަޒާބު އެބައިމީހުންނަށް ދެއްވާނޭ ކަމަށް ﷲ ވަނީ އިންޒާރު ދެއްވާފައެވެ.
2. ﷲ އީ ދަހިކަލަކު ކަމަށް ސިފަކުރުން: އަލްމާއިދާ ސޫރަތުގެ 64 ވަނަ އާޔަތުގައިވާ ފަދައިން، އެބައިމީހުން ބުނީ ;ﷲ ގެ އަތްޕުޅު ވަނީ ކަސްތަޅު އެޅިގެންނެވެ.; (އެބަހީ: ދަހިވެގެންނެވެ). ﷲ ވަނީ އެބައިމީހުންގެ އެ ބަހަށް ރައްދުދެއްވައި، އެބައިމީހުންގެ އަތްތަކުގައި ކަސްތަޅު އެޅި، އެބައިމީހުންނަށް ލައުނަތް ލެއްވިގެންވާ ކަމަށް ވަޙީކުރައްވާފައެވެ. އަދި ﷲ ގެ ދެ އަތްޕުޅު ވަނީ ތަނަވަސްވެގެން ކަމަށާއި، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ހޭދަކުރައްވާ ކަމަށް ބަޔާންކުރެއްވިއެވެ.
3. ﷲ ވަރުބަލިވެވޮޑިގަތް ކަމަށް ބުނުން: އުޑުތަކާއި ބިން ހެއްދެވުމަށްފަހު ﷲ ވަރުބަލިވެވޮޑިގަތް ކަމަށް އެބައިމީހުން ކުރި ދައުވާ ޤާފް ސޫރަތުގެ 38 ވަނަ އާޔަތުގައި ދޮގުކުރައްވާފައިވެއެވެ. ﷲ ވަޙީކުރެއްވިއެވެ: ;އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމާއި، އެދެމެދުގައިވާހައި ތަކެއްޗެއް ހަ ދުވަހުގެ ތެރޭގައި އުފެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް އެއްވެސް ވަރުބަލިކަމެއް ނުޖެހެއެވެ.;
4. ނަބީބޭކަލުން ގަތުލުކުރުން: އެބައިމީހުންގެ ހަރުކަށިކަމުގެ ތެރޭގައި، ﷲ ފޮނުއްވި ރަސޫލުންނަށް އުރެދި، ހައްގަކާ ނުލައި އެބޭކަލުން ގަތުލުކުރުން ހިމެނެއެވެ. ބަޤަރާ ސޫރަތުގެ 61 ވަނަ އާޔަތުގައިވާ ފަދައިން، އެބައިމީހުންގެ މައްޗަށް ނިކަމެތިކަމާއި ފަގީރުކަން ލެއްވިގެންވަނީ، އެބައިމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވެ، ނަބީބޭކަލުން ގަތުލުކޮށް އުރެދުންތަކުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ.
ނޯޓް: މި ލިޔުމަކީ ޑ. ޢަލީ އައްޝިބްލު ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު