Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރައީސް މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނޯންނާނެކަން ޔަގީންކަމާއެކު އެނގޭ ކަމަށެވެ. އެ ވާހައަކީ ކޯޓުގައި ކަނޑައެޅިގެން ދޮގު ވާހަކައެއްކަން ސާބިތުވެފައިވާ ވާހަކައެއް ކަމަށާއި ރައީސް މުއިއްޒުއަކީ ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ.

"މުހައްމަދު މުއިއްޒުއަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫނޭ، ނުވެސް ކުރާނޭ، ހުސައިން ވަހީދުގެ ގޮތެއް ނޭނގޭ،" މުންދު ވިދާޅުވި އެވެ.

ދޮގު ބަޔާނެއް ދިން ކަމަށްބުނެ ރައީސް މުއިއްޒުގެ މައްޗަށް ކުރީ ސަރުކާރުގައި ދައުވާކުރީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުއްޓަ އެވެ. އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރު ހުކުމްކޮށްފައިވެ އެވެ.