Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބީއެމްއެލްއިން އަގުހެޔޮ އިތުރު 710 ފްލެޓް އަޅަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓު އަޅަން ބިން ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެވެސް ހިމެނޭހެން ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިތުރު 710 ޔުނިޓް އިމާރާތްކުރަން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް މުންދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެ މަޝްރޫއު ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މީގެެތެރެއިން ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވާ އެހެން ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި މުންދު ވަނީ ވިދާޅުވެފަ އެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ.