Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެހީވާނެ

ކުދި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ އިގްތިސާދުގެ ބާރު ކަމަށެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަން ރައީސް ފާހަގަކުރެއްވި އެވެ.

މާލީ އެހީތެރިކަމާ އެކީ ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މޯލްޑިވްސް 2.0އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިކޮށްދީ ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށެވެ.

އެގޮތުން މި މަސައްކަތުގައި ކަލްޗަރަލް ސެންޓަރުތަކާއި ކްރިއޭޓަރ ހަބް އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ އިން މުހިއްމު ދައިރެއް އަދާކުރާނެ ކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވަނުމަށް އަލިބާބާ އަދި ޕޭޕަލްގެ ޚިދުމަތް ފަހިކޮށްދީ ކުދި ވިޔަފާރިތައް އިތުރު ކުރިއެރުވުމަށް މަގުފަހިކޮށްދެމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ ރައްޔިތުންނަށް ވެސް ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން 2026 އަދި 2027ވަނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އަހަރުތައް ކަމުގައި ކަނޑައަޅުއްވާފައިވާއިރު، މި ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.