Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ދީނީ އިމުގައި ބޮޑު އިދު ފާހަގަކުރި ފަރާތްތަކަށް އެވޯޑް

މި އަހަރުގެ ބޮޑު ޢީދު ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް ސަލަފް ޖަމިއްޔާ އިން އެވޯޑް ދީފި އެވެ.

އެ ޖަމިއްޔާ އިން ބުނީ އިސްލާމީ އިމުތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑަށް ހުޅުވާލުމުން 15 ފަރާތަކުން ކުރިމަތިލި ކަމަށެވެ.

"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ އެވޯޑަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ.

މިއީ އެވޯޑް ދޭން ފެށިތާ ދެވަނަ އަހަރެވެ.

މި އަހަރު އެވޯޑް ލިބުނު އިނާމު ލިބުނު ފަރާތްތައް:

* އައްޑޫ މަރަދޫ ޢީދު އޯގަނައިޒިން ކޮމިޓީ އާއި މަރަދޫ އަވަށު އޮފީސް
* އަލްމާނާރު ޖަމިއްޔާ އަދި އައްޑޫ ފޭދޫ އަވަށު އޮފީސް
* އދ. މާމިގިލި ކައުންސިލް
* ލ. މާވަށް ކައުންސިލް
* ޖަމްޢިއްޔަތުލް ޤަލަމް (އދ. ދަނގެތި)
* ޖަމްޢިއްޔަތު ރިސާލާ (ހދ. ނޮޅިވަރަން)
* އަލްބައްޔިނާ (އދ .މަހިބަދޫ)
* އއ. ހިމަންދޫ ކައުންސިލް
* ރ. ކިނޮޅަސް ކައުންސިލް
* މ. ދިއްގަރު ކައުންސިލް
* ބ. ހިތާދޫ އިރުމަތީ އަވަށް

އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އެވެ.

އެ ރަސްމިއްޔާތުގައި ސަލަފް ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ޖަމިއްޔާ އިން ބުނީ "ޢީދު އިމުގެ ތެރޭގައި" އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށްވެގެންދާ ކަމަށެވެ.