މިހާރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ހިންގަމުން އަންނަ އިމާރާތަކީ ސާކް ސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރި ބޭކާރު ބޮޑު ހަރަދެއް ކަމަށް މި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީކޮށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއު އަކީ މިހާރުގެ ހާލަތަށް ބަލާއިރު މާ މުހިއްމު ކަމެއް ނޫން ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަންކަނެއް ނޫން ކަމަށް، ނަޝީދުގެ ނުރަސްމި އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ތަރުޖަމާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި 2011 ގައި 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބާއްވަން ހިތަދޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރަކީ ބޭކާރު ހަރަދެއް ކަމަށެވެ.
އަދި އެއީ ދެމެހެއްޓެނިވި ވިސްނުމެއް ނެތި ވަގުތީ ގޮތުން ބޭނުންކޮށްލެވޭ ގޮތަށް ބިނާކުރި ތަނެއް ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
"ބޭކާރު ހަރަދަކީ ސާކް ސަމިޓެއް ބައްވަންވެގެން ބޮޑު މާސް ލޭންޑެއް ކޮނެ، އެތަނުގައި އަސްޓޭބަލްކޮށް އިމާރާތެއް އަޅައި ކަމެއް ކުރާނެ ވިސްނުމެއް ނެތި އިމާރާތެއް އެޅުން." އޭނަ ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ، ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ބޭންކުތައް، އޮފީސްތައް، ވިޔަފާރިތައް އަދި ދަތުރުފަތުރުކުރާ ތަންތަން ހެދުމަކީ އެތަންތަނުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ތަންތަން ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެ އެކަމުގެ ފަސޭހަކަން މިއަދު ރައްޔިތުންނަށް ފެންނަން ފަށައި އެކަމުގެ ހިތްހަމަޖެހުން މިއަދު ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެހެންވެ ނަޝީދު ވިދާޅުވާ ގޮތަށް މިއީ ބޭކާރު ކަންކަން ނޫން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
![]()
އޭނަ ވިދާޅުވީ އައްޑޫގައި ހެދ ކޮންވެންޝަން ސެންޓަރު ސާކް ސަމިޓަށް ފަހު ވީރާނާވަމުން ދަނިކޮށް، އެތަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހޮސްޕިޓަލަކަށް ބަދަލުކުރީ އެތަނުން ދެމެހެއްޓެވި ގޮތެއްގައި މަންފާ ލިބޭނޭ ގޮތެއް ނެތުމުން ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރި ނަމަވެސް، އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި އެތަން ހިންގަން ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ގެ ޖެނުއަރީން ފެށިގެންނެވެ.
މި ސަރުކާރުން މިހާރު އަންނަނީ އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.
ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަކުކުރީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.