ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރަން ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ދުންފަތް އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުރިއާ ހިލާފަށް ދުންފަތް އިޝްތިހާރުކުރުމަށް ތަފާތު އާ އުކުޅުތައް ބޭނުންކޮށްގެން ކުޑަކުދިން ވެސް އެ ވާބާގައި ޖައްސަމުންދާ ކަމަށާއި ޞިއްޙަތަށް ގެއްލުން ލިބޭ އެއްވެސް ކަމަކީ، އެއްވެސް މީހަކު ރުހި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ދުންފަތާމެދު ހޭލުންތެރިވެ އަމިއްލަ ނަފުސު ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމުގެ ޖިހާދެއް ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ ފަރާތަކުންވެސް އައު އަމާޒަކާއެކު ފެށުމަށް ސާޖިދާ ގޮވާލެއްވި އެވެ.
"ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން،" ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވި އެވެ. ދުންފަތުގެ ސިއްހީ ގެއްލުމަކީ މިއަދު ޖުމްލަ ގޮތެއްގައި އޭގެ ނުރައްކާ އެނގޭ ކަމެއް ކަމަށާއި، ކަމާ ބެހޭ ހޯދުންތަކުން އެނގެނީ، ދުންފަތުގެ ނުރައްކަލަކީ އެތައްް ޖީލުތަކަކަށް ދެމިގެންދާ، އެތައް ބަޔަކަށް ފެތުރިިގެންދާ ސިއްހީ ބޮޑު ކާރިސާއެއް ކަމަށެވެ. އަދި ދުންފަތުގެ ގެއްލުން ލިބެނީ ހަމައެކަނި އިސްތިއުމާލު ކުރާ މީހާއަށް އެކަނި ނޫން ކަމަށާއި، އޭގެ އަސަރު އެތައް ބަޔަކަށް ކުރާކަން މިހާރު ހޯދިފައިވާކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.
"ދުންފަތުގެ ގެއްލުންތަކާމެދު ވިސްނާއިރު އެއީ އިސްރާފުކުރެވޭ ފައިސާތަކެއް. ހަށިގަނޑަށް ގެއްލުންދޭން ކުރެވޭ ހަރަދުތަކެއް. ދެވަނަ ކަމަކަށް ދިރި ހުރުމަށާއި ދިރިއުޅުމަށް ހުރަސް އެޅޭ ކަމެއް. ފުއްޕާމޭގެ ބަލިތަކާއި، ކެންސަރާއި ހިތުގެ މައްސަލަތަކާއި، މިހެން ގޮސް ހަށިގަނޑުގެ އެތެރޭގެ ހިންގުމުގެ މުޅި ނިޒާމު ފެއިލްކޮށްލާ ވިހައެއް،" ސާޖިދާ ވިދާޅުވި އެވެ.