ފީފާ ވޯލްޑް ކަޕްގައި ޕެނަމާ 2-0 އިން ބަލިކޮށް އިންގްލެންޑުން ގްރޫޕް އެލްގެ އެއްވަނަ ހޯދައިފި އެވެ.
ގްރޫޕްގެ މެޗުތައް ނިމުނުއިރު، އިންގްލެންޑުން އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނަ ހޯދި ކްރޮއޭޝިއާ އަށް ހަ ޕޮއިންޓު ލިބުނުއިރު، ތިންވަނައިގައި ނިންމާލި ގާނާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގާނާ ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުލަށްދިޔަ ޕެނަމާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އެމެރިކާގެ ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި އިންގްލެންޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޕެނަމާގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕެނަމާގެ އޭރިއާ ތެރެެއަށް ހުރަސްކޮށްލި ބޯޅައަކުން ބެލިންހަމް ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ބެލިންގަމް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ހެރީ ކޭން ވަނީ އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މި ގޯލާއެކު ކޭން ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އިންގްލެންޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި އިންގްލެންޑަށް 11 ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ރެކޯޑު މީގެކުރިން އޮތީ ގެރީ ލިނެކާގެ އަތުގަ އެވެ.
މި ގޯލަށް ފަހު އިންގްލެންޑަށް މި ހާފުގައި ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.