Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

ޕޯޗުގަލްއާ އެއްވަރުކޮށް ކޮލަމްބިޔާ އެއްވަނަ، ކޮންގޯ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލްއާ 0-0 އިން އެއްވަރުވެ، ކޮލަމްބިއާ އިން ގްރޫޕްގެ އެއް ވަނަ ހޯދިއިރު، 3-1 އިން އުޒްބެކިސްތާން ބަލިކޮށް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ ކޭގެ މެޗުތައް ނިމުނުއިރު، ކޮލަމްބިއާ އިން އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނަ ހޯދި ޕޯޗުގަލަށް ފަސް ޕޮއިންޓު ލިބުނުއިރު، ތިންވަނައިގައި ނިންމި ކޮންގޯ ގާނާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކޮންގޯ ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުލަށްދިޔަ އުޒްބެކިސްތާނަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް ބައްދަލުކުރާނީ ކްރޮއޭޝިޔާއާ އެވެ. ކޮލަމްބިއާ އިން ގާނާއާ ދެކޮޅަށް ނިކުންނައިރު، ކޮންގޯ ބައްދަލުކުރާނީ އިންގްލެންޑާ އެވެ.

މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޯޗުގަލް އާއި ކޮލަމްބިއާ އަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ކޮލަމްބިއާގެ ފޯވާޑް، ޖޯން ކޮޑޯބާ ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، ކޮލަމްބިއާގެ ޖޯން އަރިއަސް ފޮނުވާލި ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.

ޕޯޗުގަލް އަށް ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރޫނޯ ފެނާންޑޭސް އަށެވެ. ނަމަވެސް އޭރިއާތެރެއިން ފެނާންޑޭސް ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ކޮލަމްބިއާ އިން ކުރިއަށް ޖެހިލައިގެން ދިޔައީ ރަނގަޅު އެޓޭކުތަކެއް އުފައްދަމުންނެވެ. އެގޮތުން ދެވަނަ ހާފުގައި ކުޅެން އެރި ރިޗަޑް ރިއޯސް އަށް އޭރިއާތެރެއިން ހުސްކޮށް ފޮނުވާލަން ލިބުނު ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. މެޗުގެ ފަހު ވަގުތު ކޮލަމްބިއާގެ ޑިފެންޑަރު، ޑަވިންސަން ސަންޗޭޒް ބޮލުން ގޯލެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

މި ގްރޫޕްގައި މިރޭ ކޮންގޯ އިން ވަނީ އުޒްބެކިސްތާނުގެ މައްޗަށް 3-1 އިން ކުރި ހޯދައިފަ އެވެ.