Last Updated: June 29, 21:20
Monday, June 29, 2026
ރިޕޯޓް

އައްޑޫގެ ތަރައްޤީ؛ ހުރަސްތަކާއި ސަރުކާރުގެ ސިޔާސަތު

ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ ތެރެއިން ފޮޓޯ/ އަހުމަދު ފާރިސް

ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އަދި އިޤްތިޞާދީ ގޮތުން މުހިންމުކަމެއް ދެވިފައިވާ އައްޑޫގެ ކުރިއެރުމަށް ކުރީގެ ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތަކަށް މިހާރުގެ ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތަށް ތިން އަހަރު ވެގެންދާއިރު، ފެންނަމުންދަނީ އައްޑޫގެ ތަރައްޤީގެ ތަޞައްވުރު މަޑުޖެހިފައިވާ ތަނެވެ. އަދި ފެށިފައިވާ މަސައްކަތްތައް ފެއިލްކޮށްލުމަށް ރޭވުންތެރިކަމާއެކު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މިކަމުގެ އެންމެ ސާފު ހެއްކަކީ، އައްޑޫގެ އިޤްތިޞާދީ މައިބަދަ ކަމުގައިވާ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުރިމަތިވެފައިވާ ހުއްޓުމެވެ. ޚަބަރު ލިބޭގޮތުގައި، ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތުމުގެ ސަބަބުން މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓް (އެސްޓީޔޫޕީ) އިން ދަނީ ކޮންޓްރެކްޓް އައު ނުކޮށް މަސައްކަތް ހުއްޓާލާނެކަމަށް އަންގަމުންނެވެ.

މީގެ އިތުރުން، މި މަޝްރޫޢަށް ބޭނުންވާ ގާތްގަނޑަކަށް 6 މިލިއަން ޔޫއެސް ޑޮލަރު ހޯދުމަށް ސަރުކާރުން ނުކުޅެދިފައިވުމަކީ، އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކުޑަކަން ހާމަކޮށްދޭ ދަލީލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ކެމްޕޭނަށް ދައުލަތުގެ އިސްވެރިން އައްޑޫއަށް ކުރެއްވި ދަތުރުފުޅުތަކުގައި، ހުއްޓިފައިވާ އެއާޕޯޓް މަޝްރޫޢާ ގުޅޭގޮތުން ނުވަތަ އެކަމަށް އޮތް ޙައްލަކާ ބެހޭގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އޭގެ ބަދަލުގައި ފެންނަނީ، އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް ހުރަސް އަޅައި، އައްޑޫ ރައްޔިތުންގެ އުުންމީދުތައް ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާ ތަނެވެ.

މިއީ ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، އައްޑޫގެ ކުރިއެރުން ހުއްޓުވުމަށް ހިންގޭ ޢަމަލެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.

އަމަލީ މަސައްކަތްތައް ކުރިއަށް ނުގެންގޮސް، ސަރުކާރުން ދަނީ ސިޔާސީ މަންފާއަށްޓަކައި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ. ކައުންސިލް އިންތިޚާބާ ދިމާކޮށް އައްޑޫގައި "ޑިއުޓީ ފްރީ ޒޯނެއް" ޤާއިމުކުރާނެ ކަމަށާއި، އައްޑޫގައި އައިޓީ ހަބެއް ހެދުމަށްޓަކައި ބޭނުންވާ މީހުން ތަމްރީނުކުރަން ބޭރަށް ފޮނުވާނެ ކަމަށް ވީ ވަޢުދުތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ހުސް ވާހަކަތަކެއްކަން މިއަދު ވަނީ ހާމަވެފައެވެ. މިހައިތަނަށް އައިއިރު އެއިން އެއްވެސް ކަމެއްގެ ޢަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

އައްޑޫގެ ތަރައްޤީއަށްޓަކައި އިތުރު ސިޔާސީ ތިއޭޓަރެއް ނުވަތަ ހުސް ވަޢުދުތަކެއް ބޭނުމެއް ނުވެއެވެ. އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުންގެނެސް، އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ގަން އެއާޕޯޓް ޑެވެލޮޕްމެންޓް މަޝްރޫއު އަވަސް ކުރުމާއެކު އައްޑޫ އަށް ބޭނުން ވަނީ އިގްތިސާދަށް ދިރުން ގެންނާނެ ވިޔަވަޅުތަކެވެ. ދޮގު ވަޢުދުތަކުގެ ތެރެއިން ރައްޔިތުންގެ މުސްތަޤްބަލާމެދު ކުރެވޭ ފޮނި އުންމީދު ފެއިލްކޮށްލުމަށް މި ސަރުކާރުން ގެންގުޅުއްވާ ވިސްނުން ހުއްޓާލައި، އޭގެ ބަދަލުގައި މާނަހުރި ތަރައްޤީ ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލަމެވެ.

އައްޑޫ އަތޮޅުގެ ރައްޔިތުން ގިނަދުވަސްތަކެއް ވަންދެން އިންތިޒާރު ކޮށްފިއެވެ. އެމީހުން މިހާރު ބޭނުންވަނީ ޙަރަކާތްތެރި ނަތީޖާއެވެ. އިތުރު އޮޅުވައިލުންތަކެއް ނޫނެވެ.