އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ އެހީތެރިންނަށް އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައުވާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.
އެ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ، ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލެ ހޮސްޕިޓަލުގަ އެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެ ސަރަޙައްދުގައި އެމްއާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް؛
ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް. މި އުމުރު ފުރާއަށް… pic.twitter.com/bnOr0CtweZ
— Health Protection Agency (@HPA_MV) June 28, 2026
އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފެށި އިރު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 22 ކޭސް ރާއްޖެއިން ފެނިފައިވެ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށެވެ. އަދި އެ ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުްދާއިރު މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ ސިއްހީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1،537 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.
ވެކްސިންގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މި މަހު ކުރީކޮޅު އިންޑިއާ އިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފައިވެ އެވެ.