Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

މީހަކާ ރައްޓެހި ނުވާތާ 10 އަހަރުވެއްޖެ: ޖޯލީ

މީގެ 10 އަހަރު ކުރިން ކައިވެނި ރޫޅައިލި ފަހުން މިހާތަނަށް އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅޭ ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ބުނެފި އެވެ.

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ 51 އަހަރުގެ ބަތަލާ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ އެވެ. އެ މީހުންގެ 2014 ގެ ކައިވެނީގެ މައްސަލަތައް ޖެހި، ޕިޓް ގާތުން ވަރިވާން ޖޯލީ ނިންމީ 2016 ގަ އެވެ. އަދި ރަސްމީކޮށް އެ މީހުންގެ ވަރީގެ މައްސަލަ ނިމުނީ 2019 ގަ އެވެ.

އޭރު ހަ ކުދިން ލިބިފައިވެ އެވެ.

ޔާހޫ އެންޓަޓައިންމަންޓަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުނީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެއްވެސް މީހަކާ ޑޭޓްކުރުމުގެ ވިސްނުމެއް ވެސް ގެންގުޅެފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފާއިތުވި ދިގު މުއްދަތުގައި މަސައްކަތްކުރީ ކައިވެނި ރޫޅައިލަން ޖެހުމުން ކުރިމަތި ކަންކަމުން އަރައިގަތުމާއި އާއިލާ އާއި ދަރިންނަށް ފޯކަސް ކުރަން ކަމަށް ބުންޏެވެ.

ޖޯލީ ބުނީ ހުރިހާ ދަރިން ވެސް މިހާރު ތިބީ ޒުވާން އުމުރަށް އަޅާފައި ކަމަށާއި ދަރިން ބޮޑެތިވާ ތަން ފެނިގެން ދިއުމަކީ މައެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި މަޔަކަށް ވުރެ ބޮޑަށް ދަރިންނާ އޮންނަނީ އެކުވެރިކަމުގެ ގުޅުމެއް ކަމަށް ޖޯލީ ބުންޏެވެ.

އޭނަ ބުނީ އަބަދު ވެސް ދަރިންނަކީ ވަރަށް މުހިއްމު ބަޔަކަށް ވާނެ ކަމަށާއި ހަމަ އެގޮތަށް އޭނަ އަކީ ވެސް ދަރިންނަށް ވަރަށް މުހިއްމު މީހަކަށް އަބަދު ވެސް ވާން ބޭނުންވާ ކަމަށެވެ. އަދި ބޭނުން ވަނީ ހުރިހާ ދަރިންނަކީ ވެސް އުފަލުގައި އުޅޭ ބަޔަކަށް ވާން ކަމަށް ބުންޏެވެ.

ޕިޓާ ކައިވެނި ކުރުމުގެ ކުރިން ޖޯލީ ދެ ކައިވެންޏެއްކުރި އެވެ. އޭނަގެ އަލަތު ފިރިއަކީ އިނގިރޭސި އެކްޓަރު ޖޮނީ ލީ މިލާ އެވެ. އެ މީހުންގެ 1996 ގެ ކައިވެނި ދެމިއޮތީ 2000 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ޖޯލީ ކައިވެނިކުރީ އެކްޓަރު ބިލީ ބޮބް ތޯންޓަންއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ދެމިއޮތީ ތިން އަހަރަށެވެ.

ޖޯލީއާ ކައިވެނި ކުރުމުގެ ކުރިން 'ފްރެންޑްސް' އިން ވިދި ބަތަލާ ޖެނިފާ އެނިސްޓަނާ ކައިވެނިކުރި ޕިޓް މި އަހަރު ތިން ވަނަ ކައިވެނި ކުރާނެ ކަމަށް ބެލެވޭ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މިހާރު އުމުރުން 62 އަހަރުގެ އެކްޓަރު 2022 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ ސްވިޓްޒަލޭންޑަށް ނިސްބަތްވާ ގަހަނާ ޑިޒައިނަރެއް ކަމަށްވާ އިނެސް ޑި ރާމޯން، 33، އާ އެވެ.