އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ މުޅި ދުނިޔެ ދެކޮޅަށް އޮތް ނަމަވެސް އެ މައްސަލައިގައި އިންޑިއާ އޮންނާނީ ހިމޭނުން ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީ ފާޑު ވިދާޅުވެއްޖެ އެވެ.
އިންޑިއަން އެކްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ސޯނިއާ ވިދާޅުވީ އިންޑިއާގެ ހާރިޖީ ސިޔާސަތު މިހާރު އޮތީ ބޮއްސުންލައިފައި ކަމަށެވެ. އެގޮތުން ފަލަސްތީނު ހިމެނޭ ގޮތަށް އިންޑިއާ އިން މިހާތަނަަށް ގާތް ގުޅުންތަކެއް ބާއްވަމުން އައި ގައުމުތަކާ ފެއަށް ޖެހިފައިވާ ކަމަށް ސޯނިއާ ތުހުމަތު ކުރެއްވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ގާޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރާނެ ހިތްވަރެއް މޯދީގެ ސަރުކާރުގައި ނެތް އިރު، އެ ސަރުކާރުގެ މިހާރުގެ އެންމެ އިސް ސިޔާސަތަކީ އިޒްރޭލާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މޯދީ އިޒްރޭލަށް ރަސްމީ ދަތުރެއް ވެސް ކުރެއްވިކަން ފާހަގަކުރައްވައި ސޯނިއާ ވިދާޅުވީ މޯދީ އެ ދަތުރަކީ އެތަކެއް އޮޅުންބޮޅުންތަކެއް ވެސް ގެނައި ދަތުރެއް ކަމަށެވެ.
އެގޮތުން މޯދީ އިޒްރޭލަށް ދަތުރުކުރެއްވިތާ ދެތިން ދުވަސް ފަހުން އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ކަމަށް ވެސް ސޯނިއާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އޮކްޓޯބަރު 7، 2023 ގެ ފަހުން ގާޒާގެ ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ކަމަށެވެ. އަދި ފަލަސްތީނު އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އިރު، އިންޑިއާ އިން މި މައްސަލައިގައި އަޅާނުލައި، ހިމޭނުން އޮތުމަކީ ބަލައި ގަނަވެވޭނެ ކަމެއް ނޫން ކަމަށް ސޯނިއާ ވިދާޅުވި އެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ހުވަފަތް އަނބިކަނބަލުން ވިދާޅުވީ ފަލަސްތީނު ނަސްލު ނައްތައިލަން އިޒްރޭލުން ހިންގަމުންދާ ޖަރީމާ އަށް ކަނު ލޮލެއް ދީގެން އިންޑިއާ އޮތުމަކީ އެ ގައުމުގެ ހާރިޖީ ސިޔާސަތު ދޯހަޅިކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ.