ވަރިވުމަކީ ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައުމެވެ. ނަމަވެސް، އެއީ ދަރީންގެ މައިވަންތަކަމާއި ބަފައިވަންތަކަން ނިމުމެއް ނޫނެވެ. ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައިވާ ކައިވެނީގެ ޢަޤުދު އުވުނު ކަމުގައި ވިޔަސް، ދަރިން ބަލާބޮޑުކުރުމުގެ އަމާނާތަކީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ.
އޭނަ އަކީ މިހާރު ތިބާގެ އަނބިމީހާއަށް ނުވެދާނެ އެވެ. ނަމަވެސް، އޭނަ އަކީ މުޅި އުމުރަށް ވެސް ތިބާގެ ދަރިފުޅުގެ މަންމައެވެ.އަދި އޭނާއަކީ މިހާރު ތިބާގެ ފިރިމީހާއަށް ނުވެދާނެއެވެ. ނަމަވެސް، އޭނާއަކީ އަބަދަށްވެސް ތިބާގެ ދަރިފުޅުގެ ބައްޕައެވެ.
ދެމަފިރިންގެ ދެމެދުގައި ހިނގާ ދެބަސްވުންތަކާއި މައްސަލަތަކުގެ ސަބަބުން، ދަރިންގެ ހިތްތަކުގައި މައިންބަފައިންނާ މެދު އޮންނަ ރީތި ތަޞައްވުރު ކިލަނބު ނުކުރާށެވެ. އަދި އެކަކު އަނެކަކުގެ ކިބައިން ބަދަލުހިފުމުގެ ރޫޙުގައި، ދަރިންގެ ހިތްތަކުގައި މައިންބަފައިންނަށް އޮންނަ އިތުބާރު ގެއްލުވައި ނުލާށެވެ.
އެހެނީ، ކުޑަކުދިންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ވަރުގަދަ ޝަޚުޞިއްޔަތެއް ބިނާކުރުމަށާއި، ދިރިއުޅުމުގެ ނަމޫނާ މީހުން ކަނޑައެޅުމަށްޓަކައި މައިންބަފައިންގެ ނަމޫނާއަށް އިންތިހާއަށް ބޭނުންވާ ބައެކެވެ.
ޔަޤީން ކުރާށެވެ! ކުއްޖެއްގެ ލޯމަތީގައި އެކުއްޖާގެ ނަމޫނާ (މައިންބަފައިން) ފުނޑުފުނޑުވެގެންދާ މަންޒަރު ފެނިއްޖެނަމަ، އެކުއްޖާގެ ހިތުގައިވާ ހުރިހާ އަމާންކަމެއް ގެއްލި، ބަލިކަށިވެގެން ދާނެ އެވެ. އަދި ރައްކާތެރިކަން ދޭނެ ނަމޫނާ މައިންބަފައިންގެ ފަރާތުން ހިމާޔަތް ނުލިބިއްޖެ ނަމަ، އެ ކުޑަކުއްޖާގެ ދިރިއުޅުން ބިކަވެ، މަގު އޮޅިގެން ދާނެ އެވެ.
ދެމަފިރިން ވަކިވާން ޖެހުނު ނަމަވެސް، އެކަން ރިވެތި ގޮތުގައި (އިޙްސާންތެރިކަމާއެކު) ކުރިއަށް ގެންދާށެވެ. އެއީ އެދެމަފިރިންގެ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކުދިންގެ ހިތްތަކުގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައެވެ. ވަރިވީ އެކުދީންގެ ކުށަކުން ނޫނެވެ. ވަރިވުމަކީ އެކުދިންނަށް އަސަރުކުރަން ޖެހޭ ސަބަބަކަށް ނުހަދާށެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.