Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

ރޯހިތަށް މަރުގެ އިންޒާރު، މައްސަލަ ބަލަނީ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އަށް މަރުގެ އިިންޒާރު ދިނީ ރޭގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އޮފީހަށް ގުޅައިގެން ކަމަށެވެ. އެގޮތުން ކޯލުން ރޯހިތަށް ޑިމާންޑްކޮށްފައި ވަނީ 29 ކްރޯޑް ރުޕީސް ދިނުމަށެވެ. އަދި އެ ޑިމާންޑާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ހިތުން ނުފިލާވަރުގެ އެތިފަހަރަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

އެ ކޯލާ ގުޅިގެން ވަގުތުން ރޯހިތުގެ ޓީމުން ވަނީ އޭގެ ރެކޯޑިންއާ އެކު މައްސަލަ މުމްބާއީގެ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު، ކޯލުގެ ރެކޯޑިން މެދުވެރިކޮށް އެއީ ކޮން ފަރާތަކުން އައި ކޯލެއްތޯ ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހަމަމިއާ އެކު ރޯހިތުގެ އޮފީހުގެ ސެކިއުރިޓީ ވެސް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

ފައިސާ އަށް ޑިމާންޑްކޮށް، ރޯހިތަށް ރޭ މަރުގެ އިންޒާރު ދިން އިރު، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނަގެ ގެއަށް ބަޑީގެ ހަމަލާތަކެއް ވެސް ދީފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން އެ ގޭގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވެ އެވެ.

ރޯހިތަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ އަކީ ކޮޕް ޔުނިވާސްގެ ފިލްމުތަކާއި ކޮމެޑީ ފްރެންޗައިޒް 'ގޮލްމާލް' ވެސް ގެނެސްދޭ ޑައިރެކްޓަރެވެ. ރޯހިތު މިހާރު އަންނަނީ 'ގޮލްމާލް 5' ގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކޮޕް ޔުނިވާސްގައި ހިމެނޭ އަޖޭ ދޭވްގަންގެ 'ސިންގަމް' ފްރެންޗައިޒްގެ ތިން ވަނަ ބައި 'ސިންގަމް އެގެއިން' އެވެ.

'ގޮލްމާލް 5' ގެ މަސައްކަތް ކުރިއަށްދާ އިރު، ކަލާސް ޓީވީ އަށް ރޯހިތު ހޯސްޓް ކުރަމުން އަންނަ ރިއަލިޓީ ޝޯ 'ހަތުރޯން ކޭ ކިލާޅީ' ގެ 15 ވަނަަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ އެވެ.

ރޯހިތަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، އާންމުކޮށް ބޮލީވުޑްގެ މީހުންނަށް އެފަދަ އިންޒާރުތައް ދެނީ ލޯރެންސް ބިޝޯނީީ ގޭންގްގެ ފަރާތުންކަން ފާހަގަކޮށްލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަގެ ގޭންގް ނެޓްވޯކް ހިންގަނީ ކެނެޑާގައި ހުރެގެންނެވެ.