Last Updated: July 11, 02:43
Friday, July 10, 2026
ދުނިޔެ

އާޖެންޓީނާގެ ކެބިނެޓް ޗީފް އިސްތިއުފާ ދީފި

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ އާޖެންޓީނާގެ ސަރުކާރުގެ ކެބިނެޓް ޗީފް މެނުއެލް އެޑޯނީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އަކީ އެ ގައުމުގެ މިހާރުގެ ރައީސް ޒޭވިއާ މިލީގެ ވަރަށް އަރިސް ބޭފުޅެކެވެ. ޒޭވިއާ 2023 ގައި ވެރިކަމަށް ވަޑައިގެން އެޑޯނީ އެންމެ ފުރަތަމަ އައްޔަންކުރީ ސަރުކާރުގެ ތަރުޖަމާއަނަކަށެވެ. އަދި އޭނަ ކެބިނެޓް ޗީފަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައި އެޑޯނީ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ މި ބާބު ނިންމަވާލައްވަނީ ކަމަށާއި މަގާމުން ދޫކޮށްލައްވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ކަމަށެވެ.

އެޑޯނީގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ތަހުގީގެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

އޭނަގެ މައްޗަށް ކުރިން ފެށިގެން ކުރެވެމުން އައި ތުހުމަތުތަކުގެ ތެރޭގައި މުސާރައާ ނުބައްދަލު ތަނަވަސްކަން ހޯއްދެވުން ހިމެނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރިން ވެސް އޭނަ އަކީ ތަނަވަސް ބޭފުޅެއް ކަމަށެވެ.

އަދި ސަރުކާރާ ގުޅިވަޑައިގަތް ފަހުން ނުހައްގުން އެއްވެސް އެއްޗެއް ނުހޯއްދަވާ ކަމަށާއި އެކަން ކޯޓްގައި ވެސް ސާބިތު ވެސް ކޮށް ދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.