ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މުހިންމު އިދާރާތަކާއެކު ސޮއި ކޮށްފިއެވެ.
އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރަން އެމްއޭސީއެލް އިން ފަހުމުނާމާތަކެއްގައި ސޮއިކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު އެވެ.
މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލް އިން ބުނީ އެ ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
އެމްއޭސީއެލް އިން ބުނީ މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ދީފައެވެ.