ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އާ މެންބަރު އަބްދުﷲ ސޯދިގް ސޯބެ) މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ.
މިއީ މި މަހުގެ 15 ގައި މެންބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، މަޖިލީހުގައި ރަސްމީކޮށް މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން ސޯބެ އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލަވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިކުން ބުނީ އެ ބައްދަލުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށާއި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް އަވަސްމަގަކުން އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.
މީގެ އިތުރުން ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަށް ވެސް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެމްޑީޕީ އަށް ސޯބެ މިއަދު މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ސިޓީ ކައުންސިލާ ބައްދަލު ކުރެއްވި އިރު އޭނަ އަކީ އައްޑޫ މޭޔަރުކަން ތިން ދައުރަކަށް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އައްޑޫގެ ފުރަތަމަ މޭޔަރަކީ ވެސް ސޯބެ އެވެ.