މުހައްރަމް މަހުގެ 10 ގައި ފާހަގަކުރި އާޝޫރާ ދުވަހާ ގުޅުވައިގެން ޕާކިސްތާންގެ ޖިއޯ ނިއުސް ގެނެސްދިން ޕްރޮގްރާމަކާ ގުޅިގެން އެ ޗެނެލްގެ ބްރޯޑްކާސްޓިން 15 ދުވަހަށް ހުއްޓުވައިފި އެވެ.
އެ ގައުމުގެ މީޑިއާ ރެގިއުލޭޝަން ކޮމިޝަނުން ބުނީ ޖިއޯ ނިއުސްގެ ލައިސަންސް 15 ދުވަހަށް ސަސްޕެންޑްކުރީ މި މަހުގެ 26 ވަނަ ދުވަހު ގެނެސްދިން ދީނީ ޕްރޮގްރާމެއްގައި އިސްލާމް ދީނަށް ފުރައްސާރަވާ ކަހަލަ ކޮންޓެންޓްތަކެއް މަންޒަރުތަކެއްގެ ގޮތުގައި ގެނެސްދީފައިވާތީ ކަމަށެވެ. އަދި އެފަދަ ކޮންޓެންޓްތަކުގެ ސަބަބުން ދީނީ ގޮތުން ފިތުނަ އުފެދި މަސްލަހަތު ގެއްލުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
މިކަމާ ގުޅިގެން ޖިއޯ ނިއުސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮންޓެންޓް ގެނެސްދެވުނީ އޮން-އެއާގައި ދިމާވި އެރާއަކުން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
މީގެ 23 އަހަރު ކުރިން ވުޖޫދަށް އައި ޖިއޯ ނިއުސް އަކީ ޕާކިސްތާންގެ އެންމެ މަގުބޫލު އެއް ޗެނެލެވެ. އެ ޗެނެލަކީ ޖަންގް މީޑިއާ ގްރޫޕުން ހިންގާ ޗެނެލެކެވެ. ޖިއޯ ޗެނެލްގެ ޕްރޮގްރާމްތައް އުރުދޫގެ އިތުރުން އިނގިރޭސި ބަހުން ވެސް ގެނެސްދެ އެވެ.