ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސްޖީއައިއައި) މަޝްރޫޢުގެ ދަށުން، މަދަނީ ޖަމުޢިއްޔާތަކަށް ހުޅުވާލާ ގްރާންޓް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫއުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެއް ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ، މި އުސޫލުގެ ދަށުން އެހީ ދޫކުރެވޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނު ގެ ދަށުން ރަޖިސްޓަރީވެ، އެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމުއިއްޔާތަކަށް ކަމަށެވެ. މީގެއިތުރުން، ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކަށް، ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ.
އެގޮތުން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 1,156,500 ރުފިޔާއެވެ.
އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 925,000 ރުފިޔާއެވެ.
ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.