Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލާން ބާކީ 2 ދުވަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުރިޔަށް ގެންދާ ސްކޯލަރޝިޕަށް ބާކީ އޮތީ ދެދުވަސް ކަމަށް އެ އޮތޯރިޓިއިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ، އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)، ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން)، އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީގެ އިތުރުން އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ ހިމެނެއެވެ.

ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ.

އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެމްއެމްއޭއިން ވަނީ، މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.