Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ހިދުމަތުގައި 25 އަހަރުވެ ރިޓަޔާކުރާ ފުލުހުންނަށް ބޭސްފަރުވާ

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދޭނެ ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން." ސީޕީ ވިދާޅުވި އެވެ.

ސީޕީ އިތުރަށް އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސް އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން، މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުއާއި. ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭކަލުންނަށް ޝުކުރު ދެންނެވި އެވެ.