Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ފުލުހުންނަށް ހޯދައިދެނީ

ބޯހިޔާވަހިކަމުގެ ފަހި ފުރުސަތުތައް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުން ކުރަނީ ވަރުގަދަ ގައުމީ މަސައްކަތްތަކެއް ކަމަށާއި އެގޮތުން މި ކަންކަމަށް ރިއާޔަތްކޮށް އަސާސީ ބޯހިޔާވަހިކަމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދޭންޖެހޭ އިސްކަން ދިނުމަކީ އިންސާފުވެރި ކަމެއް ކަމަށެވެ.

މި ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ސިފައިންނާއި ފުލުހުންނަށް ކަނޑައަޅާފައި އަދަދަށް ވުރެ އިތުރަށް ވެސް ކުރިއަށް އޮތް ތަނުގައި ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށް ވެސް ދާއިމީކޮށް ލިބޭ ބޯހިޔާވަހިކަން ކަނޑައެޅުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރަށް ހައުސިން މަޝްރޫއުތައް ހިންގޭ މިންވަރަކުން މާލެ ސަރަހައްދުގައި އެކަމަށް މަގުފަހިކުރަން ނިންމާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި ވެސް އިތުރު ފަހި ފުރުސަތުތައް ފުލުހުންނަށް، ފުލުހުންގެ އާއިލާތަކަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އެކަމުގައި އަމަލީ ގޮތުން ރަނގަޅު ނަތީޖާތަކެއް އިރާދަކުރެވިއްޔާ ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދެއްވި 7 މުވައްޒަފަކަށް "ޕްރައިޑް އެންޑް މެރިޓް އެވޯޑް" އަރުވާފައިވެއެވެ. ހަމައެއާއެކު، ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް، ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި 20 ފުލުހަކަށް ކުލަ ހަވާލުކޮށްދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި 7 ފުލުހަކަށް މެޑަލް އަރުވާފައިވެއެވެ.

އޭގެ އިތުރުން، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބެވި ދެ ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެ ބޭފުޅުންނަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމާއި، ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފެވެ.