ފަހު ވަގުތު ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް ކެނެޑާ އިން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
މިއީ ކެނެޑާގެ ތާރީހުގައި ވެސް އެޓީމުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ގަދަ 16 ގައި ކެނެޑާ ބައްދަލުކުރާނީ ނެދަލޭންޑްސް އާއި މޮރޮކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އެމެރިކާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި ހާފުގައި ކެނެޑާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ކެނެޑާގެ ފޯވާޑް، ޓަނީ އޮލުވަސޭއި ޖެހި ޝޮޓެއް ދެކުނު އެފްރިކާގެ ކީޕަރު، ރޮންވެން ވިލިއަމްސް މަތަކުރި އެވެ. އަދި، ކެނަޑާގެ ޕްރޮމިސް ޑޭވިޑް ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ.
މި ހާފުގައި ކައުން އެޓޭކުގައި ކެނެޑާގެ ގޯލަށް ނުރައްކާ ކުރަން ދެކުނު އެފްރިކާ އިން ވެސް މަސައްކަތްކޮށްފައިވެ އެވެ.
މި މެޗުގެ ހަމައެކަނި ގޯލު ކެނެޑާއިން ކާމިޔާބުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރޭގަ އެވެ. ދެކުނު އެފްރިކާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ކެނެޑާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް އިސްޓަކިއޯ އެވެ.