Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ޑްރަގާ ދެކޮޅަށް އަންނަ އަހަރު އިތުރު ގިޔަރަކަށް

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް ބަދަލުކޮށް، ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކުރިއަށް މިއޮތް އަހަރު ވެގެންދާނެކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މި ސަރުކާރުން ފުލުހުންނަށް ދީފައިވާ ސްޓްރެޓެޖިކް ޕޮލިސިންގ ރިކުއަރމަންޓާއި އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ ސަފުތައް މިހާރު ވަނީ ރުކުރުވާލެވިފައި ކަމަށާއި، ކުރިއަށްއޮތް އަހަރު ވެގެންދާނީ މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރަށް ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް. ގޭންގު ހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު މިވަނީ ބޮޑުތަނުން ކޮންޓްރޯލްކުރެވިފަ." އިހުސާން ވިދާޅުވި އެވެ.

ކުރިއަށްއޮތް އަހަރު ވެގެންދާނި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީ ފަރާތްތަކާއި މިހާރު ބަޔޮމެޓްރިކްސްނުދީ ފިލައިގެން އުޅޭ 2 ހާހެއްހާ ބިދޭސީން ތިބި ތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

އަދި ކުރިއަށްއޮތް އަހަރުވެގެންދާނީ އަމާންކަން ބެލެހެއްޓުމަށް ޓެކްނޮލޮޖީއާއި އެކު ފުލުހުންގެ އޮފިސަރުންވެސް މިހާރަށްވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ، ފުލުހުންގެ ޚިދުމަތުގެ އިތުރު ރަން އަހަރަކަށް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ޒިންމާ ހަވާލުވެފައިވާ ވަޒީރެއްގެ ހައިސިއްޔަތުން ދިވެހި ފުލުހުންގެ ހިދުމަތާއިމެދު ފަހުރުވެރިވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ އިތުބާރު ދެމިއޮންނަނީ ފުލުހުންގެ އިންޓެގްރިޓީއާއި ހަމަހަމަކަމާއި، ޒިންމާދާރުކަމާއި، ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށްދޭ އިޚްތިރާމުން ކަމަށެވެ.

އެގޮތުން އިންސާނިއްޔަތުކަމާއިއެކު ދިއްކޮށްލާ ކޮންމެ އަތަކުން، އިންސާފުވެރި ކޮންމެ ނިންމުމަކުން އަދި ޕްރޮފެޝަނަލް ކޮންމެ ރެސްޕޮންސަކުން އެ އިތުބާރު ވަރުގަދަވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.