Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

ޖަޕާން މެޗަކީ ބްރެޒިލަށް ފައިނަލެއް: އެންޗެލޯޓީ

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގައި މިރޭ ޖަޕާނާއި ދެކޮޅަށް ކުޅޭ މެޗަކީ ބްރެޒިލަށް ފައިނަލެއް ކަމަށް، ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

ޖަޕާނާއި ބްރެޒިލް އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެކުވެރިކަމުގެ އެ މެޗު 3-2 އިން ކާމިޔާބުކުރީ ޖަޕާނުންނެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ މިދިޔަ އަހަރު ކުޅުނު އެ މެޗަކީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި އަދި ޖަޕާނަކީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ. ޖަޕާނަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި މިރޭގެ މެޗަށް ބްރެޒިލުން ތައްޔާރުވާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.

"އަހަރުމެންނަށް މި މެޗަކީ ފައިނަލެއް،" އެންޗެލޯޓީ ބުންޏެވެ.

އެންޗެލޯޓީ ބުނީ ޓީމު އޮތީ ވަރަށް ރަނގަޅަށް މި މެޗަށް ތައްޔާރުވެފައި ކަމަށާއި ވޯލްޑް ކަޕްގައި ކުޅޭ ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއްކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ. އަދި މިއީ ނޮކްއައުޓު ބުރުގެ މެޗެއް ކަމުން އިތުރު ވަގުތާއި ޕެނަލްޓީއަށް ވެސް ތައްޔާރުވާންޖެހޭނެކަން ކޯޗު ފާހަގަކުރި އެވެ.

މިރޭގެ މެޗުގައި ވެސް ބްރެޒިލްގެ ތަރި ނޭމާ ފެންނާނެ ކަމަށް ބެލެވޭއިރު، އެންޗެލޯޓީ ބުނީ މީގެކުރިން ނޭމާއަށް ކުޅެވެނީ 15 މިނެޓަށް ނަމަވެސް މިހާރު އެއަށް ވުރެ ގިނަ ވަގުތަށް އޭނާއަށް ކުޅެވޭނެ ކަމަށެވެ. އަދި ފާއިތުވި ހަފްތާގައި ނޭމާގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.

ބްރެޒިލް އާއި ޖަޕާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 10 ޖަހާއިރު އެވެ.