މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަަސީނާ ވިދާޅުވެއްޖެ އެވެ.
އޭނަ އެންޑީޓީވީ އަށް ވިދާޅުވީ ކޮންމެ ހާލެއް ޖެހިވަޑައިގަތަސް މި އަހަރުގެ ތެރޭގައި އެނބުރި އަމިއްލަ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެއީ ސީދާ ކޮން އިރަކު ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ހަސީނާ އިންޑިއާ އަށް ވަޑައިގެންނެވީ އޭނަގެ ސަރުކާރާ ދެކޮޅަށް 2024 ގައި ދަރިވަރުންތަކެއް އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރަކާ ގުޅިގެން އެ އަހަރުގެ އޮގަސްޓް 5 ގައި އިސްތިއުފާ ދެއްވައި ފިއްލަވައިގެންނެވެ.
އޭގެ ފަހުން ހަސީނާ، 78، ހުންނެވީ އިންޑިއާގެ ހިމާޔަތުގައި އެ ގައުމުގަ އެވެ.
ހަސީނާގެ މައްޗަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ. އެއީ އޭނަގެ ސަރުކާރާ ދެކޮޅަށް ނުކުތް ބަންގްލަދޭޝް ޔުނިވަސިޓީތަކުގެ ދަރިވަރުން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި 1،400 އެއްހާ މީހުން މަރާލާފައިވާތީ އެވެ. އެ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވީ ހަސީނާގެ އޯޑަރަށް މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތައް ނެރެ، ހިނގި ކުރިމަތިލުންތަކުގެ ތެރޭގަ އެވެ.
އެ ކުރިމަތިލުންތަކުގައި ފުލުހުން އާންމުންގެ ގަޔަށް ބަޑި ވެސް ޖަހާފައިވެ އެވެ.
އެހެންވެ ހަސީނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގެވުން ހިމެނެ އެވެ.
ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން ގައުމު ހިންހެވުމާ ވަގުތީ ހަވާލުވެވަޑައިގަތީ މުހައްމަދު ޔޫނުސް އެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އާންމު އިންތިހާބު ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށް މިހާރު ބަންގްލަދޭޝްގެ މަގާމުގައު ހުންނެވި ހާލިދާފެ ދަރިކަލުން ތާރިގް ރަހްމާނެވެ.