Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މިފްކޯގެ އައުޓްލެޓްތައް އާބާދީ ބޮޑެތި ރަށްރަށަށް

އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ ފިހާރަތަކަކީ އެ ކުންފުނީގެ މަހުގެ އުފެއްދުންތައް ވިއްކަން ހާއްސަ އައުޓްލެޓްތަކެވެ. އެންމެ ފަހުން މިފަދަ އައުޓްލެޓެއް ހުޅުވީ މިދިޔަ މަހުގެ ފަހުކޮޅު އައްޑޫ ހިތަދޫގަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވީ އެ ކުންފުނިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ރަށްރަށުގައި މިފްކޯގެ އައުޓްލެޓްތައް ހުޅުވަމުން އަންނަ އިރު، ބޮޑަށް އިސްކަންދޭނީ ސިޓީތަކަށާއި، އާބާދީ ބޮޑެތި ރަށްރަށުގައި އައުޓްލެޓްތައް ހުޅުވަން ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން." ހާމިދު ވިދާޅުވި އެވެ.

މިފްކޯގެ އުފެއްދުންތައް މިހާރު އަންނަނީ އަވައްޓެރި ސްރީ ލަންކާގައި ވެސް ވިއްކަމުންނެވެ. އެ ގައުމުގައި ވިއްކަމުން އަންނަ ތަކެތީގެ ތެރޭގައި ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެ އެވެ.