Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ސިޔާސީ ބޭނުމަށް ވަޒީފާތަކުން ވަތްކެއް ނުކުރަން

ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ސިޔާސީ ބޭނުމަށް އުސޫލާ ހިލާފަށް އެއްވެސް މުވައްޒަފުން ވަކިކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ ސަރުކާރު ފެށިގެން އައިއިރު ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުން ނޫން އެެހެން ފަރާތްތައް އަހަރު، ދެ އަހަރުވަންދެން ތިބި ކަމަށެވެ. އަދި އޭގެ ފަހުން މިއަހަރު ތެރޭގައި ބަދަލުތައް ގެނެސްފައި ވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތަކުން ފޯކަސްޓްކުރި ކަމެއް ނޫން ހީކުރި ކަމެއް ނޫން އެއްގޮތަކަށް ވެސް އެކަމަކަށް ހިސާބު ޖަހާފައި އޮތް ކަމަކަށްވެސް ނުވާނެ ކަންނޭންގެ މި އަހަރުގެ ފެބްރުއަރީ މަސް ނިމޭއިރު ހަނގުރާމައެއް ފެށިގެން ދާނެ ކަމަށް މުޅި ދުނިޔޭގައި. އަދި އަމުދުން މުޅި ދުނިޔެއަށް އެފެކްޓްކުރާ ކަހަލަ ސަރަހައްދެއްގައި،" ރައީސް ވިދާޅުވި އެވެ. "އޭގެ ކުރިން ވެސް ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގައި ހަރަދުކުޑަ ކުރުމަށް އެކި ކަހަލަ ކަންތައްތައް ކުރަން ނިންމާފަވާނީ."

އެގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ކުޑަކޮށްގެން އުޅޭތާ ވެސް ދެ އަހަރުވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހަރަދު ކުޑަކުރަން ޖެހިފައި ވަނިކޮށް ހަނގުރާމަ ފެށުމުން ހަރަދު ކުޑަކުރަން ކޮންމެހެން ވެސް މަޖުބޫރުވެ ކުންފުނިތަކަށް ބޭނުންވާ ވަރަށް މުވައްޒަފުން ބޭތިއްބުން މުހިއްމު ކަމަށެވެ.

އަދި އެކަމަކީ ރާއްޖޭގެ އިގުތިސޯދު ހަމަޔަކަށް އަޅުވައި ހަރުދަނާ ކުރުމަށް އަޅާ ޕޮޒިޓިވް ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން ކުރުމުގައި ކުންފުނިތަކުން އެދަނީ އެކުންފުނިތަކުގެ އެޗްއާރް ރިވިއު ހަދައި އެ ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމަށްޓަކައި އެކިކަހަލަ ޕެކޭޖްތައް ދިނުމަށް އެކިއެކި އުސޫލުތަކުން ކަންކަން ކުރަނީ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުވީ ވައުދަކާ ހިލާފެއް ނުވަން، ވައުދުވީ ގޮތަށް ސަރުކާރު ބަދަލުވެގެން އައިއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ތިބޭނެ."

އެ މަނިކުފާނު މިގޮތަށް ވިދާޅުވި ނަމަވެސް މި ފަހުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މީހުން ސަރުކާރުގެ އެކި ކުންފުނިތަކުން ވަކިކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އެ ޕާޓީން ދާދި ފަހުން މުޅި ރާއްޖޭގައި ވަޒީފާ ބުރާސްފަތީގެ ނަމުގައި އިޖުތިޖާޖެއް ވެސް ބާއްވާފައިވެ އެވެ.