Last Updated: June 29, 21:20
Monday, June 29, 2026
ދުނިޔެ

ކުއްޖަކު މަރާލައި ފޮއްޓަކަށްލައި އެއްލާލައިފި

ތައިލޭންޑްގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލި މައްސަލައެެއްގައި އޮސްޓްރޭލިއާގެ މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސައިމަން ޕީޓާ ކާމަން ކިޔާ މީހެކެވެ. އޭނަގެ ސީދާ އުމުރެއް ސާފެއް ނުވެ އެވެ. އެކަމަކު ސައިމަން އަކީ 40 ގެ އަހަރުތައް ގުނަމުން އަންނަ މީހެއް ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ފުރާވަރުގެ ކުއްޖާ މަރާ ގުޅިގެން ފުލުހުން ސައިމަން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ފުރަން ގޮސް ހުއްޓައި ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓުންނެވެ.

އޭނަގެ މައްޗަށް ފުލުހުން މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. ސައިމަންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި މީހަކު މަރާލުމާއި ޖިންސީ ބޭނުމުގައި ކުޑަކުއްޖަކު ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ.

ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ސޫޓްކޭހަކަށް ލާފައި ޕަޓާޔާ ސަރަހައްދުގެ ގަހާއި ވިނަ ގިނަ އެކަހެރި ސަރަހައްދަކަށް އެއްލާފައި ވަނިކޮށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ހޯދި ސީސީޓީވީ ފުޓޭޖްތަކުން ދައްކާ ގޮތުގައި ސައިމަން އަންހެން ކުއްޖާއާ އެކު ކޮންޑޯމިނައަމަކަށް ވަންނަ ތަން ފެނެ އެވެ، އަދި އޭގެ ގަޑިއެއްހާ އިރު ފަހުން އޭނަ އެތަނުން ނުކުމެގެން ދަނީ އެކަނި، ސޫޓްކޭހެއް ދަމުންނެވެ. ލުހުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު ލާފައި އޮތް ފޮށި އެކަހެރި ސަރަހައްދަކަށް އެއްލާލީ ސައިކަލަކަށް ފޮށި ބަރުކޮށްގެން ގޮހެވެ.

ސައިމަން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު، އޭނަ ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެ އެވެ.