އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ޚަތީބުންނަށް ސްކޮލަޝިޕް ސްކީމެއް ތައާރަފު ކުރަން މަޝްވަރާކޮށްފި އެވެ.
މާލެ ސަރަހައްދުގައި މިހާރު އިމާމުވެ ހުކުރުކުރާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ މިއަދު ބައްދަކު ކުރައްވައި މިނިސްޓަރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޒުވާން ޚަޠީބުންގެ ތެރެއިން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަސިޓީތަކުން ފުރުޞަތު ހޯދައި ދިނުމާއި އިސްލާމީ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ޙާޞިލު ކުރަން ޝައުޤުވެރި ޚަޠީބުންނަށް ސްކޮަލަޝިޕް ސްކީމެއް ތަޢާރަފް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޝަހީމު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ބާއްވަން ތައްޔާރުވަމުން އަންނަ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ޚުޠުބާ ކިއުމުގެ އިތުރަށް މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރަން ވުމަށް ޝައުޤުވެރި ޚަޠީބުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާ މެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށީ 2024 ގަ އެވެ. އެގޮތުން އެ ޕްރޮގްރާމް ހަތަރު ބެޗެއް މިހާތަނަށް ބާއްވާފައިވާ އިރު، މިހާތަނަށް 621 ޒުވާނަކު ޚަތީބުކަމުގެ ސަނަދު ހާސިލުކޮށްފައިވެ އެވެ.
މިނިސްޓްރީން މިހާރު އަންނަ މަހުގެ ތެރޭގައި މީގެ 5 ވަނަ ބެޗް ފެށުމަށް ތައްޔާރުވަމުންނެވެ.