ކޮންވެންޝަން ޓޫރިޒަމް އައްޑުއަށް ތައާރަފްކުރުން ބުއްދިވެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތަކީ ސާކް ސަމިޓް ބާއްވަން ނަޝީދުގެ ވެރިކަމުގައި ކުރި ބޭކާރު ބޮޑު ހަރަދެއް ކަމަށް މި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އަމާޒަކަށް ވެފައި އޮތީ އައްޑޫ ކޮންވެންޝަން ސެންޓަރާއެކު އައްޑޫގައި ހޮޓެލެއް ތަރައްގީ ކުރުމަށް ޓެންޑަރަށް ހުޅުވާލައި، ކޮންވެންޝަން ޓޫރިޒަމް އައްޑުއަށް ފައްކާކުރުން ކަމަށެވެ.
"އަދިވެސް އަޅުގަނޑުގެ ވިސްނުމުގައި ކޮންވެންޝަން ޓޫރިޒަމް އައްޑުއަށް ތައާރަފް ކުރުން ބުއްދިވެރ. އެކަމުން އެކަށީގެންވާ ފައިދާ ނެރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރި ނަމަވެސް، އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި އެތަން ހިންގަން ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ގެ ޖެނުއަރީން ފެށިގެންނެވެ.
މި ސަރުކާރުން މިހާރު އަންނަނީ އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.
ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.