ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތަށް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާ އާއި ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް މިއަދު ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލުމުގެ އޮނިގަނޑާއި އުސޫލުތައް ބަޔާންކުރާ، ޓާމްސް އޮފް ރިފަރަންސް (ޓީއޯއާރު) ގައި މިއަހަރުގެ މާޗު މަހު ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގަ އެވެ.
ރާއްޖެއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ޗައިނާއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް އެއަށް އަމަލުކުރަމުންނެވެ.