Last Updated: July 11, 02:43
Saturday, July 11, 2026
ކުޅިވަރު

ވޯލްޑް ކަޕުން ޖަރުމަނު ކަޓައިފި

ޕެނަލްޓީގައި ޕެރަގުއޭ އަތުން 3-4 އިން ބަލިވެ ފީފާ ވޯލްޑް ކަޕުން ޖަރުމަނު ކަޓައިފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓިއިރު، އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އަނެއްކޮޅުން މިއީ 2010 ވަނަ އަހަރަށް ފަހު ޕެރަގުއޭ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ގަދަ 16 ގައި ޕެރަގުއޭ އިން ބައްދަލުކުރާނީ ފްރާންސް އާއި ސްވިޑެން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕެރަގުއޭއިންނެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓްގައި ޖޫލިއޯ އެންސީސޯ މި ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ހުހަށް ހުރެ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޕެރަގުއޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ކައި ހަވެޓްޒް ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ޕެރަގުއޭގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށްފަހު ޖަރުމަނުން ބަދަލުތަކެއް ގެނެސްގެން ޕެރަގުއޭގެ ފަހަތަށް ބާރުބޮޑު ކުރަން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމެެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ގޯލު ޖެހުމުގެ ކުރިން ޖަރުމަނުގެ ކުޅުންތެރިއަކު ޕެރަގުއޭގެ ކީޕަރަށް ފައުލްކޮށްފައިވާތީ ވީއޭއާރް ބެލުމަށްފަހު އެ ގޯލު ވަނީ ކެންސަލްކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި ޖަރުމަނުގެ ހަވާޓްޒް އާއި ވޮލްޓަމާޑޭގެ ޕެނަލްޓީ ޕެރަގުއޭގެ ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ. އަދި އެޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޖަރުމަނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުސިއާލާ އާއި ކިމިޗްގެ އިތުރުން އަމީރީ އެވެ. ޕެރަގުއޭގެ ސަނަބްރިއާ އާއި ބަލްބުއެނާ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު، އެޓީމުގެ ކަނާލޭ އާއި ގަލާޒާ އާއި ގުސްޓާވޯ ގޮމޭޒްގެ އިތުރުން މައުރީސިއޯ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.