Last Updated: June 30, 21:19
Tuesday, June 30, 2026
ކުޅިވަރު

ޖަރުމަނު ކެޓިޔަސް އިސްތިއުފާއެއް ނުދޭނަން: ނާގެލްސްމަން

ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓިޔަސް މަގާމުން އިސްތިއުފާ ނުދޭނޭ ކަމަށް އެޓީމުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓީ ރޭ ޕެނަލްޓީގައި ޕެރަގުއޭ އަތުން 4-3 އިން ބަލިވެގެންނެވެ. ޖަރުމަނު އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނާގެލްސްމަން ބުނީ އޭނާއަކީ ކަންކަމުން ދުވެ ފިލާނެ މީހެއް ނޫން ކަމަށާއި ޖަރުމަނުގެ ގައުމީ ޓީމާއެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. ޖަރުމަނުގެ ފުޓްބޯޅަ އިދާރާއިން ބޭނުންވާނަމަ ކުރިއަށް އޮތް ޔޫރޯ އަދި ނޭޝަންސް ލީގަށް ޓީމު ތައްޔާރުކޮށްދޭން ބޭނުންވާ ކަމަށާއި ނަމަވެސް އޭނާގެ ހިދުމަތް ބޭނުން ނުވާނަމަ އެކަން ޖަރުމަނުގެ ފުޓްބޯޅަ އިދާރާއިން އޭނާއަށް އަންގަންޖެހޭނެ ކަމަށް ނާގެލްސްމަން ބުންޏެވެ.

ނާގެލްސްމަން ޖަރުމަނު ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ގަ އެވެ.

މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ނާގެލްސްމަން ބުނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޖަރުމަނުން ކަމަށާއި ނަމަވެސް ޓީމަށް ދިމާވީ ނިންމާލުމުގެ މައްސަލަތަކެއް ކަމަށެވެ. އަދި އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ޖަރުމަނުން ޖެހި ގޯލު ކެންސަލް ކުރުމަކީ "ޖޯކެއް" ކަމަށްވެސް އޭނާ ބުންޏެވެ.